ކުރީގެ އަނބިމީހާ ޖެނިފާ އެނިސްޓަން ދެކެ އަދިވެސް ލޯބިވާ ކަމަށާއި އޭނާ ރައްކާތެރި ކުރަން ބޭނުންވާ ކަމަށް ހޮލީވުޑްގެ ތަރި ޖަސްޓިން ތިރޫކްސް އެއްބަސްވެއްޖެ އެވެ.

"ދަ ޓައިމްސް"އަށް ދިން އިންޓަވިއުއެއްގައި ޖަސްޓިން ބުނެފައިވަނީ އޭނާ މިހާރު އާ ހަޔާތެއް ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް ޖެނިފާއަށްޓަކައި އަދިވެސް އޭނާގެ ހިތުގައި އިހުސާސްތައްވާ ކަމަށެވެ.

"އޭނާއަކީ އަދިވެސް އަހަންނަށް ވަރަށް ހާއްސަ މީހެއް. އެެހެންވީމާ އޭނާ ކަންކަމުން ރައްކާތެރި ކުރަން ބޭނުންވޭ،" ޖަސްޓިން ބުނެފައިވެ އެވެ.

ޖަސްޓިން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓް ޖޭޑީ ވެންސްއާއި ޖެނިފާއާ ދެމެދު ފާޅުގައި ދެބަސްވުމެއް ހިނގާފައި ވަނިކޮށެވެ.

މިފަހުން ނެރުނު ފިލްމު "ބީޓްލްޖޫސް ބީޓްލް ޖޫސް"ގެ ތަރި ޖަސްޓިން ވަނީ ދާދިފަހުން އޭނާގެ ބައިވެރިޔާ ނިކޯލް ބްރައިޑަންއާ އެންގޭޖް ވެސް ވެފަ އެވެ.

ޖަސްޓިންއާއި ޖެނިފާ ކައިވެނިކުރީ 2015 ވަނަ އަހަރު އެވެ. އެ ކައިވެނި 2018 ވަނަ އަހަރު ރޫޅުނު ނަމަވެސް އަދިވެސް ޖަސްޓިންގެ ހިތުގައި ޖެނިފާއަށް ހާއްސަ ޖާގައެއް ދެވިފައިވެ އެވެ.