އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސައި ބިރުދެއްކި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ދަންޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓުމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިއަދު ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.
ޕޯސްޓުމޯޓަމް ހަދަން އަތުހަރުގެ އާއިލާ އިން ދެކޮޅެވެ. ނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އާއިލާއިން ގަބޫލު ނުވިޔަސް ޕޯސްޓުމޯޓަމް ހަދާނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ޕޯސްޓުމޯޓަމް ހަދަން ނިންމާ މިއަދު ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިފަ އެވެ.
ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު މިއަދު ހެނދުނު ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށާއި އޭނާގެ ޕޯސްޓުމޯޓަމް މާދަމާ ހަދާނެ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނު ދަނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަތުހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރުދެއްކުމުގެ ސަބަބުން، އެ އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ އޭނާ ހުއްޓުވާފަ އެވެ. އެރޭ ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ދޫނިދޫ ޖަލަށް ގެންގޮސްފައި ހުއްޓާ އޭނާ ދަންޖެހި މަރުވާން މަސައްކަތް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރެ އެވެ. އޭގެފަހުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަތުހަރު މަރުވީ މި މަހުގެ 2 ވަނަ ދުވަހު ހަވީރު އެވެ.