ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ޑާކް ރެއިންގެ ހޮރޯ-ކޮމެޑީ ފިލްމް "ބިބީ"ގެ އޮންލައިން ބުކިންސްއަށް ހުޅުވާލައިފި އެވެ.

ޑާކް ރެއިން އިން ބުނި "ބިބީ"ގެ ޓިކެޓް ނަންނޯޓްކުރުމަށް 9911229 އަށް ވައިބަރު ނުވަތަ ވަޓްސްއެޕުން މެސެޖްކޮށްލައިގެން ކުރިއަށް ދެވޭނެ ކަމަށެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އެވެ.

"ބިބީ" ލިޔެ ޑައިރެކްޓް ކޮށްފައިވަނީ ޓީވީ ޕްރެޒެންޓަރު ޝަހުދާ މަހުމޫދު އެވެ. މިއީ ޝަހުދާ ފީޗާ ފިލްމެއް ޑައިރެކްޓްކުރާ ފުރަތަމަ ފަހަރު އެވެ.

"ބިބީ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަހުދާގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ޝީލާ ނަޖީބުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ. މި ތަރިންނާ އެކީ އިތުރު ގިނަ ފަންނާނުންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.

މި ފިލްމުގެ ޓީޒާއެއް އާއްމުކޮށްފައިވާއިރު މި ޓީޒާއިން ވެސް ބެލުންތެރިން ސިއްސުވާލައި އަދި ހެއްވާލާނެކަން ޔަގީންކުރެވެ އެވެ. މީގެ ކުރިން ދިވެހި ފިލްމަކުން ފެނިފައިވާ ނުވާފަދަ ބައެއް މަންޒަރުތައް ވެސް މި ޓީޒާއިން ފެނިގެންދެ އެވެ.

https://www.instagram.com/p/C_Hq2-2vhhb/

މިއީ ޑާކް ރެއިން އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމް އެވެ. ޑާކް ރެއިން އިން މި އަހަރުގެ މާޗް މަހު ގެނެސްދިނީ ރިވެންޖް، އެކްޝަން ތްރިލާ ފިލްމް "ފުރޭތަ" އެވެ.