މި ގައުމުގެ މުސްތަގްބަލަށްޓަކައި ދަރީންނަށް ގައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށެވެ. އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަހުރުވެރިކަމެއްކަން ވިސްނައިދިނުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވި އެވެ. ހަމައެއާއެކު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ހާއްސަކޮށް ރައީސް ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުންކަމަށާއި، ގޭންގް ކުށްތަކާ ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުންވެސް ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީވެސް ރައީސްގެ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ނައިބު ރައީސް ވަނީ ބޮޑުތަކުރުފާނު ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވާފަ އެވެ.

"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ގައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ޤައުމުގެ މުސްތަޤިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ޤައުމުގައި އެޅުއްވުމުގައި. މިއީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް." ނައިބު ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ނައިބު ރައީސް ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ "މާރެސް" އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.