ދުނިޔޭގެ ޖައްވީ އިދާރާ ނާސާގެ ދެ ސައިންސްވެރިން ގޮވައިގެން އިންޓަނޭޝަލް ސްޕޭސް ސްޓޭޝަންއަށް ދަތުރު ކުރުމަށްފަހު މައްސަލަ ޖެހުނު ޖައްވީ އުޅަނދު އަނބުރާ ދުނިޔެއަށް ޖައްސައިފި އެވެ.
ސައިންސްވެރިންނާ ނުލާ އޮޓޯ ޕައިލެޓް މޯޑުގައި ބޮއެންގް ސްޓާލައިނާގެ އެ އުޅަނދު މެކްސިކޯގެ ސަހަރާއަކަށް ތިރިކޮށްފައިވަނީ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނުން ނައްޓާލިތާ ހަ ގަޑިއިރު ފަހުންނެވެ.
އެ އުޅަނދު އަނބުރާ ދުނިޔެއަށް އައި ދަތުރުގައި ޖައްވުގައި ތާށިވެފައި ތިބި ދެ ސައިންސްވެރިން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބަޗް ވިލްމޯ ބައިވެރިނުވީ އެކަމުގެ ނުރައްކާތެރިކަން ބޮޑުވުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
މިއާއެކު އެ ދެ ސައިންސްވެރިން ދުނިޔެއަށް އައުމަށް ކުރާ އިންތިޒާރު އިތުރަށް ދިގުލީ އެވެ. ހަބަރުތައް ބުނާ ގޮތުގައި އެންމެ އަވަހަށް ވެސް އެ ދެ ސައިންސްވެރިންނަށް ދުނިޔެއަށް އާދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސުނީތާ އާއި ބަޗް އުޅަނދުގައި ޖައްވީ ސްޓޭޝަނަށް ދަތުރު ފެށީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އޭގެ އަށް ދުވަސް ފަހުން ދުނިޔެއަށް އަންނަ ގޮތަށެވެ.
އެހެން ނަމަވެސް އެމީހުން ދަތުރުކުރި ސްޓާލައިނާގެ އުޅަނދުގައި މައްސަލަ ޖެހުމުގެ ސަބަބުން ތާވަލު ކުރެވިފައިވާ ދުވަހަށް އަނބުރާ ދުނިޔެއަށް ނާދެވި ޖައްވުގައި ތާށިވީ އެވެ.
ނާސާގެ ޖައްވީ ދަތުރުތައް ކުރާ އުޅަނދުތައް އުފައްދަން އެ އިދާރާ އާއި ބޮއެންގްއާ ދެމެދު މީގެ ދިހަވަރަކަށް އަހަރު ކުރިން އެއްބަސްވުމެއް ވެވިފައިވާއިރު އެ އެއްބަސްވުމުގެ ސަބަބުން ބޮއެންގްއަށް ވަނީ މާލީ އެތައް ގެއްލުންތަކެއް ލިބިފަ އެވެ.