މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގައި ބައިވެރިވުމުގެ ފުރުސަތު ތަކުރާރުކޮށް އޭނާއަށް ހުށައަޅަމުން ދާތީ ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ރުޅިގަދަ ވެއްޖެ އެވެ.

މިފަހުން ސުނީތާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މަޝްހޫރު ފިލްމީ ތަރިއެއްގެ އަނތްބަކަށް ވުމުގެ ތަޖުރިބާއާއި އެ ނޫން ވެސް ބައެއް ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެ އިންޓަވިއުގައި ސުނީތާ ވަނީ ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިންގެ އަނބިންނަށް ލިބޭ އިހުތިރާމާއި ގަދަރު އޭނާއަށް ނުލިބޭކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ބިގްބޮސް ކަހަލަ "ދެރަ" ޝޯއަކުން އޭނާއަށް ތަކުރާރުކޮށް ފުރުސަތު ލިބޭއިރު "ކޮފީ ވިތު ކަރަން" ފަދަ ޝަރަފުވެރި ޝޯއަކަށް އެރުމުގެ ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ހީވޭތަ އަހަރެން ފާހާނާ ސާފު ކުރާހެން؟ ހަމަ ތި ސުވާލު ޝާހްރުކް ޚާންގެ އަންހެނުންނާ ކުރާނަންތަ؟" ބިގްބޮސް އިން ފެނިދާނެތޯ އެހުމުން ސުނީތާ ބުންޏެވެ.

ސުނީތާއަކީ އަބަދުވެސް އޭނާގެ ހިތުގައި އޮންނަ އެއްޗެއް ފޮރުވުމެއް ނެތި ފާޅުގައި ބުނާ މީހެކެވެ. އެ ސަބަބަށްޓަކައި ބައެއް ފަހަރު އޭނާ ހޫނު ފެނަށް ވެސް ވެއްޓެ އެވެ.

ގޯވިންދާއާއި ސުނީތާ އަކީ ފުރާވަރުގެ ދެ ލޯބިވެރިންނެވެ. އުމުރުން 18 އަހަރުގައި ކައިވެނި ކޮށް މިހާތަނަށް އެ ކައިވެނި މަތީގައި ދެމިތިބިއިރު އެ ދެމީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ.