ހޮލީވުޑްގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް އެވޯޑް ކަމަށްވާ ޕްރައިމް ޓައިމް އެމީ އެވޯޑްސްގެ 76 ވަނަ އަދަދު ރޭ ބާއްވައިފި އެވެ.

ލޮސް އެންޖެލަސްގެ ޕީކޮކް ތިއޭޓަރުގައި ރާއްޖެ ގަޑިން ރޭގެ ފަތިހު 05:00ގައި ފެށި އެ ހަފްލާގައި ހޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދިޔަ އެވެ.

އެ ހަފްލާގައި މިދިޔަ އަހަރު މުނިފޫހި ފިލުވުމުގެ ދާއިރާއިން ފެނުނު ފާހަގަ ކޮށްލެވޭ އުފެއްދުންތަކުގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.

މިއަހަރުގެ އެމީ އެވޯޑްސް ހުށައަޅައިދިން ތަރިންގެ ތެރޭގައި ކޮލިން ފެރަލް، މެޓް ބޮމާ، ލިލީ ގްލޭޑްސްޓޯން އަދި ސެލީނާ ގޯމޭޒް ފަދަ ތަރިން ހިމެނެ އެވެ.

މި ހަފްލާއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކަށްވީ "ބެސްޓް ޑްރާމާ ކެޓަގަރީ"އިން ފުރަތަމަ ފަހަރަށް އޭޝިއާއަށް ނިސްބަތްވާ އުފެއްދުމަކަށް އެވޯޑް ލިބުމެވެ.

ޓީވީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ އެމީ އެވޯޑްސްގެ ޓެކްނިލް އެވޯޑުތައް "ކްރިއޭޓިވް އާޓްސް އެމީ އެވޯޑްސް"ގެ ނަމުގައި މި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ވަނީ ބާއްވާފަ އެވެ.