މަޝްހޫރު ހޮލީވުޑްގެ ތަރި މެތިއު ޕެރީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމުން ކުރިން އެނގިފައިނުވާ ހޮލީވުޑްގެ އަނދިރި ފަރާތް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ޓީއެމްޒީއިން ޕްރޮޑިއުސްކުރާ "ޓީއެމްޒީ އިންވެސްޓިގޭޓްސް މެތިއު ޕެރީ އެންޑް ސީކްރެޓް ސެލެބްރިޓީ ޑްރަގް ރިންގް"ގައި ހޮލީވުޑްގެ ތެރެއިން ޑްރަގުގެ ވިޔަފާރިކުރާ ޑްރަގް މާފިއާތައް އެނގިގެންދާނެ ކަމަށް ބެލެވެ އެވެ.

މެތިއުގެ މަރާއެކު ހޮލީވުޑްގެ އެތެރޭގައި ވެސް ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރި ކުރަމުން އަންނަ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް މިހާތަނަށް އެކަން ޔަގީންވެފައެއް ނުވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މެތިއު ދިރިއުޅެމުން އައި ގެއިން އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު މަރަށްފަހު ކުރެވުނު ތަހުލީލުތަކުން އެނގުނު ގޮތުގައި އޭނާ މަރުވީ ޑްރަގެއް ކަމަށްވާ ކެޓަމައިން އޯވާޑޯޒް ވެގެންނެވެ.

މެތިއުއަކީ ޑްރަގް އެޑިކްޝަންގެ ޝިކާރައަކަށްވެ ރިހެބިލިޓޭޝަން ވެސް ހޯދި ތަރި އެކެވެ. އޭނާ ވަނީ އޭނާގެ ޑްރަގް އެޑިކްޝަންގެ ދަތުރު އާއްމުންނާ ހިއްސާ ވެސް ކޮށްފަ އެވެ.

މެތިއު އާއްމުންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވަނީ 1994 ން 2004 އަށް ކުރިއަށްދިޔަ ސީބީއެސްގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން ޗޭންޑްލާގެ ރޯލުންނެވެ.