ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށް ދޮގު ހަބަރު ފަތުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދީފި އެެވެ.

ސަލްމާން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އޭނާގެ ކޮންސެޓުތަކެއް އެމެރިކާގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ބުނެ ހަބަރުތައް ފެތުރެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލްމާން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދައުރުވަމުން އަންނަ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށާއި އެމެރިކާއަށް ދަތުރެއް ކުރަން ހަމަޖެހިފައިނުވާ ކަމަށެވެ.

އެއާއެކު ސަލްމާންއާ ބެހޭ ގޮތުން ފަތުރަމުން އަންނަ ހަބަރުތަކަށް ސަމާލު ވުމަށާއި ޔަގީން ކުރުމެއް ނެތި އެ ހަބަރުތަކަށް އިތުބާރު ނުކުރުމަށް ވެސް ސަލްމާންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ނަހަމަ ގޮތުގައި ސަލްމާން ޚާންގެ ނަން ބޭނުން ކުރާނަމަ އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅޭނެ،" ސަލްމާންގެ ރަސްމީ އެކައުންޓުން އާއްމުކޮށްފައިވާ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނުނީ ކެޓްރީނާ ކައިފްއާއެކު "ޓައިގާ 3"އިންނެވެ. އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އޭއާރް މުރުގަދޮސްގެ "ސިކަންދަރު" އެވެ.