މޫނުގެ ހަންގަނޑަށް ދިމާވާ މައްސަލަތަކަކީ އަހަރުމެންގެ ތެރޭގައި އާއްމު މައްސަލަ ތަކެކެވެ. އެ ކަމަކަށްޓަކައި ގިނަ ކަނބަލުން އެތައް ހާހުން ހަރަދުވެސް ކުރާ މައްސަލަ ތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ މޫނުގެ ހަންގަނޑަށް ކުރިމަތިވާ އާއްމު މައްސަލަތަކާއި އެކަމަށް އޮތް ފަސޭހަ ބައެއް ހައްލު ތަކަށެވެ.
ހަންގަނޑުގެ ކުލަ ތަފާތުވުން
މޫނުގެ އެކި ހިސާބުތަކުގެ ކުލަ ތަފާތުވެ ހަންގަނޑު އަނދިރިވާން މެދުވެރިވަނީ ހަމުގެ ޕިގްމެންޓޭޝަންއަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. މިކަމުގެ ހައްލަކަށް އެއް ލީޓަރު ފެނަށް ހަތަރު ސަމުސާ ރާހުތް އެޅުމަށްފަހު ރަނގަޅަށް ގިރައި މޫނުގައި އުނގުޅާށެވެ. ކޮންމެ ދުވަހަކު ދެއިރު މިކަން ކުރަންވާނެ އެވެ.
ހަންގަނޑު ތެޔޮވުން
ހަންގަނޑު ތެޔޮވެ ބިހިނެގުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. މިކަމުން އަރައިގަތުމަށް މުޅި މޫނުގައި ރޯ މާމުއި އުނގުޅުމަށްފަހު ދެތިން މިނެޓު ބަހައްޓާށެވެ. އެއަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ. ހަފްތާއެއްގެ ތެރޭގައި ނަތީޖާ ފެންނާނެ އެވެ.
ހަންގަނޑުގައި ރޫޖެހުން
އުމުރާ އަޅާބަލާއިރު ހަންގަނޑުގައި މާ ބޮޑަށް ރޫޖެހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ސްޓްރެސް އާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނެ އެވެ. ދޮންކޭލެއް ރަނގަޅަށް ޗިސްކޮށް މޫނުގައި ހޭކުމަށްފަހު 15 މިނެޓު ބަހައްޓައި އެއަށްފަހު ތާފަނާ ފެނުން ދޮވުމަކީ މިކަމުގެ ފަސޭހަ ހައްލެކެވެ.
ހަންގަނޑު ރަތްވުން
ހަންގަނޑު ރަތްވެ ހިރުވާނަމަ އެންމެ ރަނގަޅު ހައްލަކީ އަލޯވެރާ ކަމަށް މާހިރުން ބުނެ އެވެ. އަލޯވެރާ ސަޕްލިމެންޓެއް ކެއުމުގެ އިތުރުން އަލޯވެރާ ޖެލް ހަންގަނޑުގެ ރަތްވެފައިވާ ސަރަހައްދުގައި އުނގުޅުމަކީ ވެސް ހަންގަނޑު ރަތްވުމަށް އަރާމު ލިއްބައިދޭނެ ކަމެކެވެ.