ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްއާ ދެކޮޅަށް ކޮޕީ ރައިޓްސްގެ މައްސަލައެއް ހުށައަޅައި އެ މައްސަލައިގެ ދައުވާ އުފުލައިފި އެވެ.

މައިލީ ސައިރަސްއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ 2023 ވަނަ އަހަރު ނުކުތް އޭނާގެ ކާމިޔާބު ލަވަ "ފްލާވާސް"އަކީ ބްރޫނޯ މާސްގެ ލަވަ "ވެން އައި ވޯޒް ޔޯ މޭން"ގެ ކޮޕީއެއް ކަމަށް ބުނެ އެވެ.

މައިލީއަށް ދައުވާ ކޮށްފައިވަނީ ބްރޫނޯގެ ލަވަޔަކާ އަޅާކިޔައި ނަމަވެސް އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ ބްރޫނޯއެއް ނޫނެވެ. އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ބްރޫނޯގެ ލަވައިގެ ކޮޕީރައިޓްސްގައި ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޓެމްޕޯ މިއުޒިކް އިންވެސްޓްމަންޓުންނެވެ.

އެ ކުންފުނިން ކުރި ދައުވާގައި ބުނެފައިވަނީ މައިލީގެ ލަވައަކީ ބްރޫނޯގެ ލަވައިން "އިންސްޕަޔާ" ވެގެން އެ ލަވައާ އެއްގޮތަށް އުފައްދާފައިވާ ލަވައެއް ކަމަށެވެ. އެގޮތުން ދެ ލަވައިގެ ޅެމުގައިވާ އެއްގޮތް ކަންތައްތަކެއް އެ ކުންފުނިން ފާހަގަކުރި އެވެ.

ގްރެމީ އެވޯޑުވެސް ލިބިފައިވާ މައިލީގެ "ފްލާވާސް" ރިލީޒް ކުރެވުނު ދުވަސްވަރު ވެސް އެ ދެ ލަވައިގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

އެހެން ނަމަވެސް އެ އަޑުތަކަށް މައިލީ އަދި ބްރޫނޯ ވެސް ޖަވާބުދާރީވެފައެއް ނުވެ އެވެ. މި ދައުވާއާ ބެހޭ ގޮތުން ވެސް އެމީހުންގެ ބަހެއް މީޑިއާއަށް ލިބިފައެއް ނުވެ އެވެ.