ބޮލީވުޑްގައި މިހާރު ނަން ހިނގާ ގިނަ ތަރިންތަކެއް ފަހަތަށް ޖައްސާލުމަށްފަހު 90ގެ އަހަރުތަކުގައި މަޝްހޫރުވި އެކްޓްރެސް ޖޫހީ ޗާވްލާ އިންޑިއާގެ އެންމެ މުއްސަނދި އެކްޓްރެސްގެ ލަގަބު ހޯދައިފި އެވެ.

"ހުރުން އިންޑިއާ ރިޗް ލިސްޓް 2024"ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫހީގެ މިލްކިއްޔާތުގައި މިވަގުތު 4600 ކްރޯޑް ރުޕީސް (554 މިލިއަން އެމެރިކާ ޑޮލަރު) އެބަހުއްޓެވެ.

ޖޫހީ އެ ލަގަބު ހޯދާފައި މިވަނީ ބޮލީވުޑްގައި މިވަގުތު އެންމެ ކާމިޔާބު އެކްޓަރުންގެ ގޮތުގައި ބެލެވޭ ދީޕިކާ ޕަދުކޯންއާއި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން އައިޝްވާރްޔާ ވެސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އެންމެ މުއްސަނދި އަންހެން އެކްޓަރުންގެ ލިސްޓުން ޖޫހީ ކުރި ހޯދާފައިވާއިރު ފާހަގަ ކޮށްލަންޖެހޭ ކަމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެއްވެސް ފިލްމަކުން އޭނާ ނުފެންނަ ކަމެވެ.

އެކްޓް ކުރުން ފިޔަވައި ޖޫހީއަށް އާމްދަނީ ލިބޭ މައިގަނޑު ދެ ގޮތަކީ އޭނާގެ ހިއްސާ އޮންނަ ރެޑް ޗިލީސް އެންޓަޓެއިންމަންޓްއާއި ކޮލްކަތާ ނައިޓް ރައިޑާސް ކްރިކެޓް ޓީމެވެ. މިއީ އެކްޓަރު ޝާހްރުކް ޚާންއާއެކު އޭނާ ހިއްސާވާ ކަންކަމެވެ.

1984 ވަނަ އަހަރު މިސް އިންޑިއާގެ ލަގަބު ހޯދާފައިވާ ޖޫހީ އޭނާގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި "ގަޔާމަތުސޭ ގަޔާމަތު ތަކް"، "ޑަރް"، "ޔެސް ބޮސް" އަދި "ޑުޕްލިކޭޓް" ހިމެނެ އެވެ.

"ހުރުން އިންޑިއާ ރިޗް ލިސްޓް 2024" އަށް ބަލާއިރު މިވަގުތު އިންޑިއާގައި 20 ބިލިއަނަރުން އެބަތިއްބެވެ. އެއާއެކު އެގައުމުގެ މަހުޖަނުންގެ މިލްކިއްޔާތު ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.