މި މަހުގެ 29 ން ފެށިގެން ދުނިޔޭގައި ދެ ހަނދު ހުންނާނެ ކަމުގައި ޖައްވާ ބެހޭ ސައިންސުވެރިން ބުނެފި އެވެ. ދުނިޔޭގެ ދާއިމީ ހަނދުގެ އިތުރުން ކުޑަ ހަނދެއްގެ ގޮތުގައި ބެލެވޭ 2024 ޕީޓީ5 ގެ ނަން ދީފައިވާ އެސްޓްރޮއިޑެއް ސެޕްޓެމްބަރ 29ން އޮކްޓޯބަރު 25 އާ ދެމެދު ދުނިޔެ ވަށައި އެނބުރޭނެ އެވެ.

2024 ޕީޓީ5 ފުރަތަމަ ފާހަގަ ކުރެވިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު އެވެ. މި އެސްޓްރޮއިޑް ފާހަގަ ކޮށްފައި ވަނީ ދުނިޔެއަށް ނުރައްކާ ވެދާނެ ފަދަ އެސްޓްރޮއިޑްތައް ފާހަގަ ކުރުމަށް ބޭނުންކުރާ އެޓްލަސް ސިސްޓަމުންނެވެ. 33 މީޓަރުގެ މި ހިލަ އިންސާނުންގެ ހަމަ ލޮލަށް ފެންނަހާ އަލި ގަދައެއް ނުވާނެ އެވެ. ހަމަ އެފަދައިން އާދައިގެ ޓެލެސްކޯޕަކަށް ވެސް ނުފެންނާނެ އެވެ. އެހެން ނަމަވެސް ސައިންސްވެރިން ބަލާ މިންގަނޑުން އެއީ އިތުރު ހަނދެކެވެ. ނުވަތަ ސެޓެލައިޓެކެވެ.

ސައިންސްވެރިން ބުނާ ގޮތުން ދުނިޔެ، އާންމު ގޮތެއްގައި ދުނިޔެއާ ކައިރިން ދަތުރު ކުރާ އެސްޓްރޮއިޑްތައް ދަމައިގަނެ ދުނިޔޭގެ އޯބިޓަށް ދޫކޮށްލަ އެވެ. މިފަދަ ހިލަތައް ހަނދެއްގެ ސިފައިގައި ދުނިޔެ ވަށައި ބުރު ޖަހަމުން ގެންދެ އެވެ. ޖައްވީ ދިރާސާ ކުރާ ފަރާތްތަކަށް 2024 ޕީޓީ5 ފެނުނީ އާންމު ކޮށް އެފަދަ ގިނި ހިލަތައް ފެނޭތޯ ހޯދާ ހޯދުމުގެ ތެރެއިންނެވެ.

އެސްޓްރޮއިޑެއް ކުޑަ ހަނދެއް ކަމުގައި ބަލާ މިންގަނޑު

ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ އޯބިޓަށް ބޭރުން ވަންނަ އެއްޗެއް ގުދުރަތީ ސެޓެލައިޓެއް ނުވަތަ ހަނދެއްކަމުގައި ބަލާ މިންގަނޑު ތަކެއް ހުރެ އެވެ. އެގޮތުން އެފަދަ އޮބްޖެކްޓަކީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ ޝަރުތުތައް ފުރިހަމަ ވާނަމަ ސައިންސްވެރިން ބަލާނީ އެއީ ކުޑަ ހަނދެއް ކަމުގަ އެވެ. އެފަދަ ހަނދެއްގެ ގޮތުގައި ވުމަށް ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދުނިޔެއާ ވަކި މިންވަރަކަށް ކައިރީގައި ވުމާއި ވަކި މިންވަރަކަށް ދުނިޔެ ވަށައި ބުރު ޖެހުމާއި ވަކި މުއްދަތަކަށް އެގޮތުގައި ދެމި ހުރުން ހިމެނެ އެވެ.

ގުދުރަތީ ހަނދެއް ކަމުގައި ދުނިޔެއިން ބޭރުގެ އޮބްޖެކްޓެއް ވުމަށްޓަކައި އެ އޮބްޖެކްޓް، 1.7 މިލިއަން މޭލަށް ދުނިޔެއާ ކައިރިވާން ޖެހެ އެވެ. ހަމައެފަދައިން ބުރު ޖަހަން ޖެހޭނީ މަޑު މަޑުންނެވެ. އެންމެ ބާރު ވެގެން ވެސް އެ މިންވަރު ވާން ޖެހޭނީ ގާތްގަނޑަކަށް ގަޑިއަކު 1400 މޭލުގެ ބާރު މިނުގަ އެވެ.

މިފަހަރުގެ އެސްޓްރޮއިޑް ދެން ފެންނަން އެތަކެއް އަހަރު ނަގާފާނެ

ހަނދާއި އިރުގެ ހަރަކާތްތައް ހުންނަ ގޮތުން އަދި މިހާތަނަށް ދުނިޔެއިން ބޭރުގެ އެއްވެސް އޮބްޖެކްޓެއް ދުނިޔޭގެ އޯބިޓުގައި ދާއިމީ ގޮތަކަށް ހަރުލާފައެއް ނުވެ އެވެ. އެންމެ ދިގުމުއްދަތަކަށް މިފަދަ ހިލައެއް ދުނިޔޭގެ އޯބިޓުގައި ހޭދަ ކުރީ 3 އަހަރެވެ. އެއީ 2020 ސީޑީ3 އެވެ. އެހިލަ ވަނީ 2020 ވަނަ އަހަރުން ފެށިގެން ތިން އަހަރު އަހަރެމެންގެ ދެވަނަ ހަނދުގެ ގޮތުގައި ހަރަކާތްތެރި ވެފަ އެވެ. އޭގެ ކުރިން 2006 އާރު އެޗް 120 ވަނީ 2006 ޖުލައި އިން ފެށިގެން އެ އަހަރު ނިމެންދެން ދެވަނަ ހަނދުގެ މަގާމު ފުރިހަމަ ކޮށްފަ އެވެ.

2024 ޕީޓީ 5 ސެޕްޓެމްބަރު 29 ގައި ދުނިޔޭގެ ދެވަނަ ހަނދުގެ މަގާމު ހޯދުމަށްފަހު އޮކްޓޯބަރު މަސް ނިމެންދެން އެ ދައުރު އަދާ ކުރާނެ އެވެ. އެއަށްފަހު ދެން މިހަނދު ފެންނާނެ ކަމުގައި ވަނީ 2025 ވަނަ އަހަރު ޖެނުއަރީ 9 ވަނަ ދުވަހު އެވެ. އޭގެފަހުން އެ ހަނދު އެނބުރި އަންނާނީ 2055 ވަނަ އަހަރުގަ އެވެ.