ކުރިއަށް އޮތް ރޯމް ފިލްމް ފެސްޓިވަލްގައި ހޮލީވުޑްގެ ކާމިޔާބު ތަރި ޖޮނީ ޑެޕްއަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އަރުވަން ނިންމައިފި އެވެ.

ރޯމް ފިލްމު ފެސްޓިވަލް އިންތިޒާމުކުރާ ކޮމެޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޮނީއަށް އެ ޝަރަފު އަރުވަން ނިންމީ ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކުރަން ކަމަށެވެ.

މި ޝަރަފުގެ އިތުރުން ޖޮނީ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވާ ފިލްމު "މޯދީ - ތުރީ ޑޭސް އޮން ދަ ވިންގްސް އޮފް މޭޑްނެސް" ވެސް އެ ފެސްޓިވަލްގެ ތެރޭގައި ދައްކާނެ އެވެ.

އެ ފިލްމަކީ 1916 ވަނަ އަހަރު ފްރާންސްގެ ޕެރިސްގައި ކުރިއަށްދިޔަ ހަނގުރާމައިގެ ދުވަސްވަރު އެތަނުގައި އުޅުނު ބޮހޭމިއަން އާޓިސްޓެއް ކަމަށްވާ އަމިޑިއޯ މޮޑިގިލާނީގެ ތަޖުރިބާތައް ދައްކުވައިދޭ ފިލްމެކެވެ.

ޖޮނީ ޑެޕްއަކީ 1984 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އިނގިރޭސި މުނިފޫހި ފިލުވުމުގެ ދާއިރާގައި ނަން މަޝްހޫރު ފަންނާނެކެވެ.

އެގޮތުން 2006 ވަނަ އަހަރު ނުކުތް ފިލްމު "ޕައިރެޓްސް އޮފް ދަ ކެރީބިއަން"ގައި އޭނާ ދައްކުވައިދިން ކެރެކްޓަރު "ކެޕްޓަން ޖެކް ސްޕެރޯ"އަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކެރެކްޓަރެކެވެ.

19 ވަނަ ރޯމް ފިލްމު ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރު މަހުގެ 16 ން 27 އަށް އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ އޮޑިޓޯރިއަމް ޕާކޯ ޑެލާ މިއުޒިކާގަ އެވެ.