1994 ން 2004 އަށް ސީބީއެސް އިން ދުރަށް ދެއްކި ކޮމެޑީ ސިޓްކޮމް "ފްރެންޑްސް"އަކީ އިނގިރޭސި ޓީވީ ތާރީހުގައި އުފެއްދި އެންމެ ކާމިޔާބު ސީރީޒް ކަމުގައި ބުނެވިދާނެ އެވެ.

އެ ސީރީޒްގެ އެންމެ ފުރަތަމަ އެޕިސޯޑް ރިލީޒް ކުރިތާ 30 އަހަރު ފުރިހަމަ ވީއިރު އަދިވެސް އެ ސީރީޒްއަކީ ނެޓްފްލިކްސްއާއި އެ ނޫންވެސް އެކި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ޗާޓުތަކުން ކުރި ހޯދާ އުފެއްދުމެކެވެ.

"ފްރެންޑްސް"އަކީ އެމެރިކާގެ ނިއު ޔޯކް ސިޓީގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ޒުވާން ދައުރުގައި އެމީހުން ކުރާ ތަޖުރިބާތަކާއި އެ ތަޖުރިބާތަކުގެ ތެރެއިން އެ ރަހުމަތްތެރިކަން އިތުރަށް ވަރުގަދަވާ ގޮތް ދައްކުވައިދޭ ޝޯއެކެވެ.

ޑޭވިޑް ޝްވިމާ، ޖެނިފާ އެނިސްޓަން، މެތިއު ޕެރީ، ކޯޓްނީ ކޮކްސް، މެޓް ލެ ބްލޭންކް އަދި ލީސާ ކުޑްރޯ ލީޑު ރޯލުން ފެންނަ އެ ސީރީޒް ޖުމްލަ 10 ސީޒަނަށް ދެމިގެންދިޔަ އެވެ.

"ފްރެންޑްސް" ރިލީޒް ކުރިތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެއް ނަމްބަރު ސިޓްކޮމްގެ ގޮތުގައި އެ ސީރީޒް އޮތް މައިގަނޑު ސަބަބަކީ ޒުވާން އުމުރުގެ ގިނަ ބައެއްގެ ހަޔާތާއި އެ ސީރީޒްގައި ހިނގާ ކަންކަމާ އޮންނަ ގުޅުމެވެ.

1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ފްރެންޑްސްގެ ފުރަތަމަ އެޕިސޯޑް ރިލީޒް ކުރެވުނުއިރު އެންމެ ފަހު އެޕިސޯޑު ރިލީޒް ކުރެވުނީ 2004 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެވެ.

އެ ސީރީޒް ނިމުމަށްފަހު އޭގެ ތަރިން އެކުގައި ދެން ފެނިފައިވަނީ 2021 ވަނަ އަހަރު ނެރުނު ޑޮކިއުމެންޓްރީ "ފްރެންޑްސް ރީޔޫނިއަން"ގަ އެވެ.

އޭގެ ދެ އަހަރު ފަހުން ޝޯގެ އެއް ލީޑު އެކްޓަރު ކަމަށްވާ މެތިއު ޕެރީ ވަނީ ޑްރަގް އޯވާޑޯޒް ވެގެން މަރުވެފަ އެވެ. އޭނާގެ ޖަނާޒާގައި ޝޯގެ ބާކީ ލީޑު ތަރިން ބައިވެރިވި އެވެ.

ފްރެންޑްސް ޕްރިމިއާ ކުރިތާ 30 އަހަރު ފާހަގަ ކުރުމުގެ ގޮތުން ފްރެންޑްސް އުފެއްދި ކުންފުނި ވާނާސް ބްރޯސް އިން ވަނީ މުޅި ސީރީޒްގެ ޑީވީޑީއެއް 4 ކޭ ރިޒޮލޫޝަންގައި ނެރެފަ އެވެ.