ސީބީއެސްގެ މަޝްހޫރު ސިޓްކޮމް ފްރެންޑްސް ޕްރިމިއާ ކުރިތާ 30 އަހަރު ފުރުން ފާހަގަ ކުރަމުން އަންނައިރު އެ ސީރީޒްގެ އެއް ލީޑު ތަރި ކަމަށްވާ މެތިއު ޕެެރީ ނެތުމުން މި މުނާސަބަތުގެ އުފާވެރިކަން ފަނޑުވެފައިވާ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ބުނެފި އެވެ.

ޝޯގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މާރްތާ ކޯފްމަން ބުނީ މި މުނާސަބަތަކީ އެ ޝޯގައި ހިއްސާވި އެންމެންނަށް އައި އުފާވެރި މުނާސަބަތެއް ނަމަވެސް މެތިއު ނެތުމުގެ ފަޅުކަމާއެކު އެ އުފާވެރިކަން ފަނޑުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯރު މަހު ޑްރަގް އޯވާޑޯޒް ވެގެން މަރުވި މެތިއުއަކީ "ފްރެންޑްސް"ގެ މައި އެއް ކެރެކްޓަރު ކަމަށްވާ "ޗޭންޑްލާ"ގެ ކެރެކްޓަރު ކުޅެދިން އެކްޓަރެވެ.

މެތިއުއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާރްތާ އިތުރަށް ބުނީ އޭނާއަކީ ވަރަށް މަޖާ މީހެއް ކަމަށާއި އެކްޓަރެއްގެ ގޮތުގައި އޭނާގެ މަސައްކަތަކީ ފާހަގަ ކޮށްލަންޖެހޭ މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން މެތިއުއާއި ޝޯގެ ބާކީ ތިބި ފަސް ލީޑު ތަރިން އެއްތަން ވުމުން އުފެދެނީ "ޖާދޫއެއް" ކަމަށާއި އެ އެންމެންގެ މެދުގައި އޮތް ގާތް ގުޅުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާހަގަވި ކަމަށް މާރްތާ ބުންޏެވެ.

މެތިއުގެ މަރުގެ ތުހުމަތުގައި އޭނާއަށް ފަރުވާ ދިން ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާ އުފުލިފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.

10 ސީޒަނަށް ކުރިއަށް ދިޔަ "ފްރެންޑްސް"ގައި މެތިއުގެ އިތުރުން ދެން ފެނިގެންދިޔައީ ޑޭވިޑް ޝްވިމާ، މެޓް ލެ ބްލޭންކް، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ އަދި ޖެނިފާ އެނިސްޓަން އެވެ.