މިހާރު ކުރިއަށްދާ ލޮރެއަލް ޕެރިސް ފެޝަން ވީކްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އައިޝްވާރްޔާ ރާއީގެ ފެނިލުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އެބަދެ އެވެ.
އިއްޔެ ފެށި އެ އިވެންޓްގެ "ރޭމްޕް ވޯކް"ގައި އައިޝްވާރްޔާ ފެނިގެންދިޔައިރު އޭނާ ލައިގެން ހުރި ހެދުމާއި އިސްތަށިގަނޑު ހަދާފައި ހުރި ގޮތް އާއްމުންނަށް ކަމުދިޔަ އެވެ.
އެގޮތުން އެ އިވެންޓަށް އައިޝްވާރްޔާ ހިޔާރުކުރީ ރަތް ކުލައިގެ ހެދުމެކެވެ. ފައިގެ ތަނބިކަށްޓާ ހަމައަށް އަރާ އެ ހެދުމާއެކު އޭނާގެ އިސްތަށިގަނޑު ހުރީ ނިއުޅުވާލާފަ އެވެ.
ރޭމްޕް ވޯކްއަށް އައިޝްވާރްޔާ ތައްޔާރު ވަމުން ދިޔަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވިއިރު އެ ވީޑިއޯގައި އޭނާއާއެކު އީވާ ލޮންގޯރިއާއާއި ކަމިލާ ކަބެލޯ ފެނިގެންދިޔަ އެވެ.
ލޮރެއަލް ޕެރިސް ފެޝަން ވީކްގައި އައިޝްވާރްޔާ ފެނިގެންދިޔައީ އެ ބްރޭންޑްގެ އިންޑިއާ އެމްބެސެޑަރުގެ ގޮތުގަ އެވެ. ގިނަ އަހަރުތަކެއް ވަންދެން އައިޝްވާރްޔާ އެ މަގާމުގައި ހުރިއިރު މިއަހަރު ލޮރެއަލްއިން ވަނީ އާލިއާ ބަޓްއަށް ވެސް އެމްބެސަޑަރުކަން ދީފަ އެވެ.
އައިޝްވާރްޔާ ޕެރިސްއަށް ގޮސް އުޅެނީ އޭނާގެ ދަރިފުޅު އާރަދްޔާއާއެކުގަ އެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ އައިޝްވާރްޔާއާއެކު އެފަދަ ހަފްލާތަކުން އާއްމުކޮށް ފެންނަ އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން މިފަހުން އޭނާއާއެކު ފެނިފައިނުވާ ކަމެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އައިޝްވާރްޔާ އެންމެ ފަހުން ފެނިގެންދިޔައީ "ޕޮންނިއަން ސެލްވަން 2"އިންނެވެ. ބޮލީވުޑް ފިލްމަކުން އޭނާ އެންމެ ފަހުން ފެނުނީ 2018 ވަނަ އަހަރު އެވެ.