ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރްޔާ ރާއީއަކީ އާއްމު ތަންތަނުންނާއި ހަފްލާތަކުން ވަރަށް ގިނައިން ފެންނަ ތަރިއަކަށްވާއިރު މިފަހަކަށް އައިސް އޭނާގެ ފެނިލުންތަކުގައި ދަރިފުޅު އާރަދްޔާ ބައްޗަން ވެސް ބައިވެރިވެ އެވެ.

އެގޮތުން އެންމެ ފަހުން ޔޫއޭއީގެ އަބޫދާބީގައި ބޭއްވި އައިފާ އެވޯޑްސް އުޓްސަވަމްގައި ވެސް އައިޝްވާރްޔާއާއި އާރަދްޔާ ވަނީ އެކުގައި ފެނިފަ އެވެ.

އެ ހަފްލާގެ ރެޑް ކާޕެޓުގައި އެ ދެމީހުންގެ ފެނިގެން ދިޔައިރު މީޑިއާގެ ސުވާލަކަށް ޖަވާބު ދެމުން އައިޝްވާރްޔާ ވަނީ އޭނާ ދާ ކޮންމެ ތަނަކަށް އާރަދްޔާ ވެސް ދާ ސަބަބު ބުނެދީފަ އެވެ.

"އެއީ އަހަރެންގެ ދަރިފުޅު. އަހަރެން ދާ ކޮންމެ ތަނަކަށް ދާނީ އޭނާ ގޮވައިގެން. އެއީ އަހަރެން ބޭނުންވާ ގޮތް" އައިޝްވާރްޔާ ބުންޏެވެ.

އައިޝްވާރްޔާ އިތުރަށް ބުނީ ފިލްމީ ދާއިރާގެ ކަންކަމުގައި އުޅެން އާރަދްޔާ އެކަނި ދޫކޮށްލަން ބޭނުންނުވާ ކަމަށާއި އާރަދްޔާއަކީ އޭނާގެ ހަޔާތުގެ މުހިއްމު ބައެއް ކަމަށެވެ.

2007 ވަނަ އަހަރު ކައިވެނިކުރި އައިޝްވާރްޔާއާއި އަބީޝޭކްގެ ކައިވެނި ރޫޅެން އުޅޭ ކަމަށް އަޑުތައް ފެތުރެމުން އަންނައިރު އައިޝްވާރްޔާ އާރަދްޔާއާއެކު އަބީޝޭކްގެ ގެއިން ނުކުމެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.