ހޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ލާނާ ޑެލް ރޭ (އެލިޒަބަތު ގްރާންޓް) އޭނާގެ ލޯބިވެރިޔާ ޖެރެމީ ޑުފްރީންއާ ކައިވެނި ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ހަފްލާއެއްގައި އެ ދެމީހުން ކައިވެނި ކޮށްފައިވާއިރު ހަފްލާއަށް ހާޒިރުވީ ދެފަރާތުގެ އާއިލާއާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

ލާނާގެ ކައިވެނީގެ ކުރިން އެ ހަބަރު މީޑިއާއަށް އެނގިފައި ނުވިނަމަވެސް ކައިވެނީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.

އޭރިއަލް ވިއުއަކުން ނަގާފައިވާ އެ ފޮޓޯތަކުގައި ލާނާ ހުދު ކުލައިގެ ލޯކަޓް ކައިވެނި ހެދުމެއްގައި ހުރިއިރު ޖެރެމީ ހުރީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގަ އެވެ.

ލާނާއާއި ޖެރެމީގެ ލޯބީގެ ގުޅުން ވެސް އެ މީހުން މީޑިއާއަށް ސިއްރުކޮށްގެން އުޅުނު ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން އެ ދެމީހުންގެ ގުޅުމުގެ ހަބަރުތައް ވަނީ މީޑިއާއަށް ފެންމަތިވެފަ އެވެ.

ލާނާއަކީ ހޮލީވުޑްގައި ކާމިޔާބު ލަވަތަކެއް ކިޔައިދީފައިވާ ފަންނާނަކަށް ވާއިރު ޖެރެމީއަކީ ފަތުރުވެރިންނަށް ހިދުމަތްދޭ ޓުއާ ގައިޑެއް ކަމަށް ހަބަރުތައް ބުނެ އެވެ.