މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަފްލާ ކަމަށްވާ 24 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް (އައިފާ އެވޯޑްސް) އަބޫދާބީގައި ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އައިފާ އެވޯޑްސްގެ ދެވަނަ ރޭ ހާއްސަ ކޮށްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރެވުނު ބޮލީވުޑްގެ ފިލްމުތަކަށެވެ.

އެގޮތުން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ޝާހްރުކް ޚާން (ޖަވާން) ހޯދިއިރު އެ އެވޯޑުގެ އަންހެން ކެޓަގަރީ ކާމިޔާބުކުރީ ރާނީ މުކަރްޖީ (މިސިސް ޗެޓަރްޖީ ވާސަސް ނޯވޭ) އެވެ.

އެވޯޑު ގަބޫލު ކުރަމުން ޝާހްރުކް ޚާން ބުނީ އޭނާއާއި ވާދަކުރި އެހެން ތަރިންނަކީ ވެސް ކުޅަދާނަ ތަރިން ކަމަށާއި އޭނާއަށް އެވޯޑު ލިބުނީ ދުވަސްތަކަކަށްފަހު ފިލްމަކުން އޭނާ ފުރަތަމަ ފަހަރަށް ފެނުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެއާއެކު "ޖަވާން"ގެ މަސައްކަތް ކުރަމުން އައި ދުވަސްވަރަކީ އޭނާގެ އާއިލާއަށް ދަތި ދުވަސްވަރެއް ކަމަށާއި ފިލްމަށް މާލީ އެހީތެރިކަން ދޭތީ އޭނާގެ އަންހެނުން ގައުރީއަށް ވެސް ޝާހްރުކް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އައިފާ އެވޯޑްސް 2024ގައި އެންމެ ގިނަ އެވޯޑް ލިބުނީ ފިލްމު "އެނިމަލް" އަށެވެ. އެ ފިލްމަށް އެންމެ މޮޅު ފިލްމް، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަނިލް ކަޕޫރު)، އެންމެ މޮޅު ވިލަން (ބޮބީ ޑިއޯލް) އަދި އެންމެ މޮޅު މިއުޒިކްގެ އެވޯޑު ލިބުނެވެ.

https://www.instagram.com/iifa/?utm_source=ig_embed&ig_rid=879facde-1383-4002-8fae-e599f6f5e40a

ޝާހްރުކް ޚާން، ކަރަން ޖޯހަރު އަދި ވިކީ ކައުޝަލް ހުށައަޅައިދިން މި ހަފްލާގައި އެ ދެތަރިންގެ އިތުރުން ބޮލީވުޑްގެ ކުޅަދާނަ އެހެން ފަންނާނުންގެ ހުށައެޅުންތައް ވެސް ފެނިގެންދިޔަ އެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފެށި އައިފާ އެވޯޑްސްގެ ފުރަތަމަ ރޭ ހާއްސަ ކޮށްފައިވަނީ ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީ އަށެވެ. ބޮލީވުޑް ނައިޓް އޮތީ އޭގެ ޖެހިގެން އައި ރޭ އެވެ.