ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ބޮޑު އަގުގާ ސްޕެއާޕާޓްސް ގަންނަކަމަށް ބުނާ ވާހަކަ ފެނަކަ ކޯޕަރޭޝަނުން ދޮގު ކޮށްފި އެވެ.
މި މުއާމަލާތް ކޮށްފައިވަނީ މި މަހުގެ ކުރީކޮޅު ގދ. ތިނަދޫ ބްރާންޗަށް ބޭނުންވާ ފެން ޕްލާންޓެއް މާކެޓް ރޭޓަށް ވުރެ އެތައް ގުނަ ބޮޑުކޮށް ވިއްކި އެޗްކިއު ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޗްކިއު ހޯލްޑިންގްސްއިން ފެނަކައަށް ގަނެފައިވާ ބައެއް ސްޕެއަރ ޕާޓްސްގެ އެންމެ ޔުނިޓެއްގެ އަގު އަޅާކިޔާއިރު އެތަކެތި ގަނެފައިވަނީ ތިން ހަތަރުގުނަ ބޮޑުކޮށެވެ.
އެނގިފައިވާ ގޮތުގައި އެޗްކިއު ހޯލްޑިންގްސް އަކީ ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލްގެ އާއިލާ މީހަކު ހިންގާ ކުންފުންޏެކެވެ.
އޮންލައިން ނޫހަކުން މިކަން ރިޕޯޓްކުރުމާ ގުޅިގެން އެކަން އޮޅުވާލާ ފޫބެއްދުމަށް ފެނަކައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހަކުން އާންމުކުރި އެ ލިޔުންތަކުން ފެންނަނީ އެ ކުންފުނިން ގަނެފައިވާ މުދާތަކެއް ނޫން ކަމަށެވެ. އަދި ސްޕެއާ ޕާޓްސް ގަތުމުގެ މަސައްކަތް އޮތީ އުސޫލާ އެއްގޮތަށް ޓެންޑާ ކޮމިޓީގެ މަރުހަލާގައި ކަމަށާއި އެއްވެސް އެފަދަ މުދަލަކަށް ފެނަކައިން ފައިސާ ދައްކާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ އިން ބަޔާން ނެރުނީ ހިޔާނާތް ފަޅާއެރުމުން އެކަން ފޮރުވުމަށެވެ. ފާއިތުވި ދުވަސްތަކުގައި ފެނަކައަށް ވަނީ މިފަދަ އެތައް ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފެނަކައިން ތުހުމަތުތައް ދޮގު ކުރެ އެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރަން ނިންމާފައިވަނިކޮށް، އަވަސް އަރުވާލައިގެން ކުންފުނީގެ ޕްރޮކިއުމެންޓުގެ ތެރެއިން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ވަނީ ހިންގަން ފަށާފަ އެވެ.
އެގޮތުން މި މުއާމަލާތްތައް ކުރަމުންދަނީ އަވަސް އަރުވާލައިގެން ޕްރޮކިއުމަންޓް އުސޫލްތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އެގޮތުން ދާދިފަހުން ވަނީ ފެނަކައަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމަށް ތުހުމަތުކުރެވޭ ލިޔެކިއުންތަކެއް ލީކުވެފަ އެވެ.
މިއަދު ނޫނަސް ދުވަހެއް އަންނާނެ، އެ ދުވަހުން ޖަވާބުދާރީ ވާން ޖެހޭނެ
ރިޕްލައި