ދިގު 36 އަހަރަށްފަހު އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ދަ ސިމްޕްސަންސް"ގެ ސީރީޒް ފިނާލޭ މިދިޔަ އާދީއްތަ ދުވަހު ދައްކައިފި އެވެ.

އެ އެޕިސޯޑުގައި އެއީ އެ ސީރީޒްގެ ފިނާލޭ ކަމަށް ބުނެފައިވުމާއެކު ގިނަ ބަޔަކު އަންނަނީ އެއްވެސް އިއުލާނަކާނުލާ އެފަދަ ނިންމުމެއް ނިންމީ ކީއްވެތޯ ސުވާލު ކުރަމުންނެވެ.

އެހެން ނަމަވެސް މިކަމުގައި ޝޯގެ ޕްރޮޑިއުސަރުން ވަނީ ބެލުންތެރިންގެ ސިކުނޑިތަކާ ކުޅެލާފަ އެވެ. ހަގީގަތުގައި އެއީ އެ ސީރީޒްގެ ފިނާލޭއެއް ނޫނެވެ.

އެހެން ނަމަވެސް އެއީ އެ ސީީރީޒް ނިމޭއިރު ކަންތައް ވާނެ ގޮތް ކަމަށް ލަފާކޮށް ދައްކުވައިދޭ ކަންތައްތަކެއް ހިމަނައިގެން އުފައްދާފައިވާ އެޕިސޯޑެކެވެ.

އެގޮތުން އެ އެޕިސޯޑުގައި ޝޯގެ ބައެއް މުހިއްމު ކެރެކްޓަރުން މަރުވާއިރު ބައެއް ކެރެކްޓަރުން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށްދެ އެވެ.

1989 ވަނަ އަހަރު ދައްކަން ފެށި "ދަ ސިމްޕްސަންސް"އަކީ އެމެރިކާގެ މަސްރަހުގައި ހިނގާފައިވާ ކަންތައްތައް ކުރިއާލާ ލަފާ ކޮށްފައިވާ ޝޯއެކެވެ. އެގޮތުން އެ ޝޯގެ ތެރެއިން ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރާނެ ކަމަށްވެސް ލަފާ ކޮށްފައިވެ އެވެ.