މިވަގުތު ހޮލީވުޑްގެ ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ އެއް ހަބަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ކެލްސްގެ ލޯބީގެ ވާހަކަތަކެވެ.
އެގޮތުން އެ ދެމީހުންގެ ދެމެދުގައި މައްސަލަޖެހި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުޅޭ ކަމަށް ދާދި ފަހުން ހަބަރުތައް ރިޕޯޓު ކޮށްފައިވެ އެވެ.
މި ރިޕޯޓުތަކުގެ މައިގަނޑު ސަބަބަކަށްވީ އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގުގައި ކުޅެމުން އަންނަ ޓްރެވިސްގެ މެޗުތައް ބަލަން ޓޭލާ ގޮސްފައި ނުވުމެވެ.
ޓޭލާއަކީ އާއްމުކޮށް ޓްރެވިސްގެ މެޗުތައް ބަލަން ދާ ތަރިއެއް ނަމަވެސް މިފަހުން އޮތް ޓްރެވިސްގެ މެޗުތަކުގައި އޭނާ ފެނިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ޓޭލާއާ ގާތް ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި އޭނާއަށް އެ މެޗުތަކަށް ނުދެވުނީ މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުންނާއި ސެކިއުރިޓީ ސަބަބުތަކާހެދި އެވެ.
މި ހަބަރާއެކު މި ދެ ލޯބިވެރިންގެ ލޯބީގައި ކުނިޖެހިފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވަނީ މިހާރު ނިމުމެއް އައިސްފަ އެވެ.