މަޝްހޫރު ޓީވީ ޝޯ "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ޑޮކްޓަރު މާކް ޗަވޭޒް ކުށަށް އިއުތިރާފް ވެއްޖެ އެވެ.

ޗަވޭޒް އޭނާގެ ކުށަށް އިއުތިރާފް ވެފައިވަނީ މެތިއު މަރުވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން މިދިޔަ ބުދަ ދުވަހު ބޭއްވި ކޯޓުގެ އަޑުއެހުމެއްގަ އެވެ.

އެގޮތުން ޗަވޭޒް ބަލަމުންދިޔަ އެހެން ބަލިމީހަކަށް ބޭނުންވާ ވަރަށް ވުރެ ގިނައިން އޭނާގެ ބޭސް ސިޓީގައި "ކެޓަމައިން" ލިޔެދީގެން އިތުރަށް ނެގި ބައި މެތިއުއަށް ދިން ކަމަށް ޗަވޭޒް އެއްބަސްވި އެވެ.

"ކެޓަމައިން" އަކީ ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ބަލިތަކަށް ފަރުވާ ދޭން ބޭނުންކުރާ ބާރުގަދަ ޑްރަގް އެކެވެ. އެ މާއްދާ މާ ގިނައިން ބޭނުން ކުރުމަކީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ.

މެތިއު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ދިރިއުޅުނު ގެއިންނެވެ. ތަހުގީގުތަކުން އެނގުނު ގޮތުގައި އޭނާ މަރުވީ ޑްރަގް އޯވާޑޯޒް ވެގެންނެވެ.

އެ މައްސަލައިގައި ޗަވޭޒްގެ އިތުރުން އެހެން ޑޮކްޓަރަކާއި މެތިއުއަށް ޑްރަގް ފޯރުކޮށްދިން އިތުރު މީހެއް ވެސް ވަނީ ހައްޔަރު ކުރެވިފަ އެވެ.

މި މައްސަލާގައި ޗަވޭޒްއަށް ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ އަހަރުގެ އޭޕްރީލް މަހަށް ތާވަލް ކުރެވިފައިވާއިރު ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

މެތިއު މަޝްހޫރު ވެފައިވަނީ 1994 ން 2004 އަށް ކުރިއަށްދިޔަ މަޝްހޫރު ޓީވީ ޝޯ "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން "ޗޭންޑްލާ"ގެ ރޯލުންނެވެ.