ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހިންގެ ތެރޭގައި މޫލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކީރިތި ގުރުއާން ދައްކައިދެނީ ހައްގުގެ މަގު ކަމަށާއި އެ ފޮތުން ކޮންމެ ކަމެއްގައި ވެސް އޮންނަ އެންމެ ހެޔޮގޮތް ފެންނަން އޮންނައިރު، ދޮގާއި މަކަރާއި ހީލަތުން ކަންތައް ކުރަނީ ކީއްވެތޯ ރައީސް ވަނީ ސުވާލު އުފައްދަވާފަ އެވެ. ދޮގު ހަބަރު ފެތުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށާއި އަދި ދޮގު ހަބަރު ފެތުރުމަކީ އެތައް ބަޔަކަށް އިންތިހާއަށް ގެއްލުން ލިބޭ ކަމަކަށްވާތީ އެއީ އެއްގޮތަކަށްވެސް އިސްލާމް ދީނުގައި ހިތްވަރު ދޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ދޮގު ހެދުމާއި ދޮގުހަބަރު ފެތުރުމަށް ބަލައިލި ނަމަވެސް އަދުގެ ދިވެހި މުޖުތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާޑަ ފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދޮގު ހަބަރު ފެތުރުމަކީ ގައުމަށް އޮތް ބޮޑު ހަލާކެއް ކަމަށެވެ. އެފަދަ ވާހަކަ ތަކުގެ ސަބަބުން މުޅި ދައުލަތަށް ވެސް ގެއްލުން ވެފައި އެބަހުރިކަމަށް އެމަނުކުފާނު ވިދާޅުވި އެވެ.

ދޮގު ފަތުރާ ބަޔަކު އެކަން ކުރަނީ ލާރިކޮޅެއްގެ ބޭނުމުގައި ދުނިޔަވީ މަންފާއަކަށްޓަކައި ކަމަށާއި އެފަދަ މީހުނަށް އެއީ ކިހާވަރެއްގެ ނުބައިކަމެއްކަން ނުވިސްނޭތޯ ރައީސް ވަނީ ސުވާލުކުރައްވާފަ އެވެ. ތިމާގެ ދުލުން ވާ އިގުރާރާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަހްލާގީ ސިފަފުޅުތަކުން ކަމަށެވެ. އަދި ދޮގު ހެދުމާއި ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭތީ އެގޮތަށް އަމަލުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.