ކޮވިޑް-19ގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުންދާތީ، މާލޭގެ ސްކޫލްތައް އިތުރު ދެ ހަފްތާއަށް ބަންދުކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ގޮތަށް ނިންމީ ބަލީގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް މާލޭގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ނިންމައި، ފިލާވަޅުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމެވުން ދެ ހަފްތާފަހުން މުރާޖައާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުންޏަސް ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ ރޭޓް މަތިވެފައިވެ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 9،000 އިން މައްޗަށް އަރައި އެ ބަލީގައި 33 މީހުން މަރުވެފައި ވެ އެވެ. އެކަމަކު ކުރިއަށްވުރެ، މިހާރު އެ ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު، ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވައި، އަލުން ކިޔަވައިދޭން ފަށާފަ އެވެ. ނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައި ދެމުން އަންނަނީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭގެ ސްކޫލްތަކުގައި ކިޔަވައިދިނީ ގްރޭޑް 9 އިން 12 އަށެވެ. ނަމަވެސް މާލޭގައި ބަލިފެތުރެމުން ދާތީ މިދިޔަ އީދު ބަންދަށްފަހު ސްކޫލްތަކެއް ނުހުޅުވަ އެވެ.

ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއެކު ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް އަދި ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދެ އެވެ.