އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ދިވެހި ފުލުހަށް ހުށަހަޅަމުން ދާކަމަށް ފުލުހުން ބުންޏެވެ.

މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރުމަށްވެސް ފުލުހުން އެދެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކަނި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި އެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 1،302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށްވެސް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.