ބޮލީވުޑްގެ މަހުޖަނުންގެ ވާހަކަ ދެއްކުމުން އެންމެ ފުރަތަމަ ވެސް ހިތަށް އަންނަނީ އެ ދާއިރާގައި އެންމެ ނަން މަޝްހޫރު ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެވެ.
އެހެން ނަމަވެސް މި ދެތަރިންނަށް ވެސް މިހާތަނަށް ބިލިއަނަރެއްގެ މަގާމު ލިބިފައެއް ނުވެ އެވެ. އެހެނެއް ކަމަކު ބޮލީވުޑްގައި މިވަގުތު ހުރީ އެންމެ ބިލިއަނަރެކެވެ.
އެއީ ބޮލީވުޑްގައި ނަންކިޔާ މަޝްހޫރު ތަރިއެއް ނޫނެވެ. އެކަމަކު އެއީ ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފައިވާ ރޮނީ ސްކްރޫވާލާ އެވެ.
ފޯބްސް މަޖައްލާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރޮނީގެ މިލްކިއްޔާތުގައި މިވަގުތު 15.5 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެއީ ބޮލީވުޑްގެ އެހެން އެއްވެސް ތަރިއަކަށް މިލްކުވެފައިނުވާ އަދަދެކެވެ.
1970ގެ އަހަރުތަކުގެ ތެރޭގައި ވަރަށް އާދައިގެ ގޮތަކަށް ފެށި ވިޔަފާރި ފުޅާ ވަމުން ގޮސް އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޔޫޓީވީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރޮނީ އެވެ. ސްވަދޭސް، ބަރްފީ، ޖޯދާ އަކްބަރު އަދި ފެޝަން ފަދަ ފިލްމުތަކަކީ އެ ކުންފުނީގެ އުފެއްދުންތަކެވެ.
2012 ވަނަ އަހަރު އެ ކުންފުނީގެ ހިއްސާ ޑިޒްނީއަށް ވިއްކާލުމަށްފަހު ރޮނީ ވަނީ އާރްއެސްވީޕީގެ ނަމުގައި އޭނާގެ އަމިއްލަ ކުންފުންޏެއް ހަދާފަ އެވެ. އުރީ އާއި ކެދަރްނާތު އަކީ އެ ކުންފުނީގެ އުފެއްދުންތަކެވެ.
ބޮލީވުޑްގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ ދެވަނައިގައި ވެސް އުޅެނީ ޕްރޮޑިއުސަރެކެވެ. ޓީސީރީޒްގެ މެނޭޖިން ޑިރެކްޓަރު ބުޝަން ކުމާރުގެ އާއިލީ މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު ހުރި ނަމަވެސް އެ މިލްކިއްޔާތުގައި އެހެން ހިއްސާދާރުން ހިމެނެ އެވެ.
ޖުމްލަ 850 މިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ޝާހްރުކް ޚާންއާއި އަދިތުޔާ ޗޯޕްރާ އުޅެނީ ލިސްޓުގެ ތިންވަނައިގަ އެވެ. އެއާއެކު ބޮލީވުޑްގެ އެންމެ މުއްސަނދި އަންހެން ތަރި ޖޫހީ ޗާވްލާގެ މިލްކިއްޔާތަކީ 550.5 މިލިއަން ޑޮލަރެވެ.