ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީގެ ކުރިއަށް އޮތް ފިލްމު "ގުދާޗާރީ 2"ގެ ޝޫޓިންގެ ތެރެއިން އޭނާގެ ކަރަށް ޒަހަމްތަކެއް ލިބިއްޖެ އެވެ.

ހައިދަރްއާބާދުގައި އެ ފިލްމުގެ އެކްޝަން މަންޒަރެއް ޝޫޓު ކުރަނިކޮށް އިމްރާންގެ ކަރުގެ ކަނާތް ފަރާތުން ކަފައިގެން ގޮސް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފިލްމުގެ އޮފިޝަލުންނާއި އިމްރާން ވެސް އާއްމުކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ހަފްތާ ތެރޭގައި އޭނާ އެނބުރި މުމްބާއީއަށް އަންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

"ގުދާޗާރީ 2" އަކީ މީގެ ކުރިން ރިލީޒް ކުރެވުނު ކާމިޔާބު ތެލުގޫ ފިލްމު "ގުދާޗާރީ"ގެ ސީކުއަލް އެކެވެ. މި ފިލްމުގައި އިމްރާންގެ ބައިވެރިވުން ހިމެނުނީތީ އުފާކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފައިވެ އެވެ.

އިމްރާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ސީރީޒްއެއް ކަމަށްވާ "ޝޯ ޓައިމް" އިންނެވެ. އެ ޝޯއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.