މަޝްހޫރު މޮޑެލް އަދި އިންފުލުއެންސަރު ކިމް ކާޑޭޝަން އޭނާގެ ދަރިންނަށް ކައްކައިނުދޭތާ ދެ އަހަރު ވެއްޖެ ކަމަށް އޭނާގެ ދޮށީ ދަރިފުޅު ނޯތު ވެސްޓް ބުނެފި އެވެ.

ނޯތު މިހެން ބުނެފައިވަނީ ދާދި ފަހުން އިންޓަވިއު މެގަޒިންއަށް އެ ދެމައިން ދީފައިވާ އިންޓަވިއުއެއްގެ ތެރެއިން ކިމް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ކިމްގެ ކެއްކުން ކިހިނެއްތޯ އޭނާގެ 11 އަހަރުގެ ދަރިފުޅު ކައިރީގައި ސުވާލު ކުރުމުން ނޯތު ބުނެފައިވަނީ މަންމަ އެމީހުންނަށް އެންމެ ފަހުން ކައްކައިދިނީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އެހެން ނަމަވެސް އެ ކެއްކުމަކީ އޭނާއަށް އެންމެ މީރު ކެއްކުން ކަމަށް ބުނަމުން ނޯތު އިތުރަށް ބުނީ މުޅި އުމުރު ދުވަހު އެއް ކެއުމެއް ކާން ލިބިއްޖެނަމަ ކާނީ މަންމަގެ ކެއްކުން ކަމަށެވެ.

މިއީ ކިމްގެ މި ވާހަކަ ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ނޯތުގެ ކޮއްކޮ ޗިކާގޯ ވެސްޓް ވެސް ވަނީ އެމީހުންގެ މަންމަ ނުކައްކާ ވާހަކަ ފާޅުގައި މީޑިއާގައި ދައްކާފަ އެވެ.

ނޯތުއަކީ ކިމްއާއި ކާންޔޭ ވެސްޓްގެ ކައިވެންޏަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. ނޯތުގެ އިތުރުން ޗިކާގޯ އާއި އެ ދެމީހުންގެ ފިރިހެން ދެ ކޮއްކޮ ވެސް ތިބެ އެވެ.