އަބަދުވެސް އިވޭ ޝަކުވާ އެކެވެ. އެހެން މީހުން ބަރުދަން ލުއި ކުރާހާ ފަސޭހައިން ތިމާއަށް ބަރުދަން ލުއި ނުކުރެވޭތީ ކުރާ ޝަކުވާ އެވެ. މިއީ ގިނަ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ގިނަ ބައެއްގެ ޝަކުވާ އެކެވެ.

މި ޝަކުވާއަށް ސައިންސްވެރިން މިހާރު މިވަނީ ޖަވާބު ހޯދާފަ އެވެ. ޔުނިވާސިޓީ އޮފް އެސެކްސްގެ ސައިންސްވެރިންތަކެއް ކުރި ދިރާސާއަކުން ބައެއް މީހުންނަށް އެހެން މީހުންނަށްވުރެ ބަރުދަން އުނދަގޫވާ ސަބަބު ވަނީ އެނގިފަ އެވެ.

އެ ސައިންސްވެރިން ބުނާ ގޮތުގައި ބަރުދަން ލުއިކުރުމުގައި އެހެން މީހުންނަށްވުރެ އުނދަގޫތައް ކުރިމަތިވަނީ ޖެނެޓިކްސްގެ ސަބަބުންނެވެ. އެގޮތުން ވަކި ޖެނެޓިކް ވޭރިއޭޝަންތަކުގައި ކަސްރަތާއި ޑައިޓަށް ހަށިގަނޑު ހޭނުން ފަސޭހަކަން އެ ދިރާސާއިން އެނގިފައިވެ އެވެ. އެހެން ކަމުން ބަރުދަން ލުއިވުން ފަސޭހަވެ އެވެ.

ތަފާތު ޖެނެޓިކް ޕްރޮފައިލްތަކުގެ މީހުން ހިމަނައިގެން 8 ހަފްތާއަށް ކުރިއަށް ގެންދިޔަ އެ ދިރާސާތަކުގައި ވަކި ޖެނެޓިކް މިއުޓޭޝަންތަކެއްގެ ސަބަބުން ބަރުދަން ލުއިކުރަން އުނދަގޫވާކަން އެނގިފައިވެ އެވެ. ކަން މިހެން އޮތް ނަމަވެސް ދުވަސްތައް ފާއިތުވާ ވަރަކަށް ޖީންތައް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހޭނި ބަރުދަން ލުއި ކުރުމުގައި އެހީވާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.