މި ހަފްތާ ތެރޭގައި މުޅި ބޮލީވުޑް ސިއްސުވާލި އެއް ހަބަރަކީ އިންޑިއާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ބާބާ ސިއްދީގީ މަރާލެވުނު ހަބަރެވެ.
އޮކްޓޯބަރު 12 ވަނަ ދުވަހު ސިއްދީގީގެ ދަރިފުޅުގެ އޮފީސް ކައިރިން އޭނާގެ ހަށިގަނޑަށް ވަޒަން އެރިއިރު އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
ސިއްދީގީއަށް ހަމަލާ ދިން ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ހައްޔަރު ކޮށްފައިވާއިރު، އެ މީހުން ނިސްބަތްވާ ލޮރެންސް ބިޝްނޯއީ ގްރޫޕުން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފަ އެވެ.
މިހާރު ފޭސްބުކްގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި އެ ގޭންގަށް ނިސްބަތްވާ ކަަމަށް ބުނާ މީހަކު ބުނެފައިވަނީ މި ހަނގުރާމައަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ގެ ސަބަބުން ފެށުނު ހަނގުރާމައެއް ކަމަށާއި އޭނާއަށް އެހީވާ ކޮންމެ މީހަކަށް ވެސް އެފަދަ ނަސީބެއް ކުރިމަތިވެދާނެ ކަމަށެވެ.
ސިއްދީގީއަކީ ސަލްމާން ޚާންގެ ކެރިއަރުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާއަށް އެންމެ ބޮޑަށް އެހީވި އެކަކެވެ. އެގޮތުން ސަލްމާންއާއި ޝާހްރުކް ޚާންއާ ދެމެދު އޮތް ޒަމާންވީ ދެކޮޅުވެރިކަން ވެސް ނިމުމަކަށް ގެނައީ ސިއްދީގީ އެވެ.
ލޮރެންސް ބިޝްނޯއީ ގޭންގާއި ސަލްމާންއާ ދެމެދު އޮތް ދުޝްމަން ކަމަކީ 1999 ވަނަ އަހަރު ހިނގި "ބްލެކްބަކް ކޭސް"ގެ ސަބަބުން އުފެދުނު ދުޝްމަން ކަމެކެވެ.
ދައުރުވަމުން އަންނަ ޕޯސްޓުގެ ސައްހަކަން އަދި ޔަގީން ވެފައި ނުވާއިރު މުމްބާއީގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.