ސަރުކަރު ހިންގާ ޕީއެންސީގެ ތެރޭގައި ކޯޅުން ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރާއްޖެއިން ބޭރަސް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގަތްއިރު، މަރުހަބާ ދަންނަވަން އެއްވެސް މެމްބަރަކު ވަޑައެއް ނުގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ އެކްސް އެކައުންޓުން ވަނީ އަބްދުއްރަހީމް މާލެ ވަޑައިގަތް މަންޒަރު ހިމެނޭ ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އޭނާ މާލެވަޑައިގަތް ވަގުތު މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގަތީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު މުހައްމަދު ރަޝީދާއި މުރައިދޫގޭގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމާއި މަޖިލީހުގެ އިތުރު ދެ މުވައްޒަފެކެވެ.
ޕީއެންސީ ތެރޭގައި ކޯޅުންބޮޑުވެ ދެ ފެކްޝަން ވަނީ އުފެދިފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފެކްޝަނަކާއި އަބްދުއްރަހީމްގެ ފެކްޝަނެއް އެބައޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
އަބްދުއްރަހީމްގެ ފެކްޝަނުގައި ހިމެނޭ ލ. ފޮނަދުއަށް ނިސްބަތްވެވަޑައިގަންނަވާ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު ވަނީ ރައީސް މުއިއްޒުގެ ފަރާތުން ކުރެއްވި ޕްރެޝަރާއެކު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާދެއްވީ އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކިކުރާނެ ކަމުގެ އިޝާރާތެއް ލިބުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި އަބްދުއްރަހީމަށް ތާއީދު ކުރައްވާ ބައެއް ވަޒީރުން އަދިވެސް މަގާމުތަކުން ވަކިކުރާނެ އެވެ.
ސިޔާސީ މަގާމްތަކުން ވަކިކުރައްވަން ރައީސް ނިންމެވި ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމްގެ ފެކްޝަންގެ ގިނަ ބަޔަކު ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.