މުމްބާއީގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއީ ގޭންގުން ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް ދިން މަރުގެ އިންޒާރުތަކާއެކު އޭނާ ބުލެޓް ފްރޫޕް ކާރެއް ގަނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބަޑީގެ ވަޒަން ނާރާ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ކާރު ސަލްމާން ގަނެފައިވަނީ ދެ ކްރޯޑް އިންޑިއާ ރުޕީސް އަށެވެ.

މިއީ މިފަހުން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކުރަން އޭނާގެ ޓީމުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށް އޭނާގެ ވަށައިގެން އެނބުރޭ މީޑިއާ ކަވަރޭޖް ވެސް ކޮންޓްރޯލް ކުރެވިފައިވާއިރު ޝޫޓިންތަކާއި ޝޯތަކަށް ދަތުރުފަތުރު ކުރުމުގައި އެހީއަކަށް މި ބުލެޓް ފްރޫޕް ކާރު ވެގެންދާނެ އެވެ.

މަރުގެ އިންޒާރުތަކާއެކުވެސް ސަލްމާން އޭނާގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު"ގެ ޝޫޓިން ކުރިއަށް ގެންދާއިރު ރިއަލިޓީ ޝޯ ބިގްބޮސްގެ ޝޯތައް ވެސް އޭނާ ހުށައަޅައިދެ އެވެ.

ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކުރެވިފައި މިވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބާބާ ސިއްދީގީގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ބިޝްނޯއީ ގޭންގުން އެ ހަމަލާގެ ޒިންމާ ނަގާފައި ވަނިކޮށެވެ. އެ ގޭންގުން ބުނެފައިވަނީ ސަލްމާނަށް އެހީވާ ކޮންމެ މީހެއްގެ ފުރާނަ ވެސް ގެއްލުވާލަން އެ ގޭންގުން ފަސްނުޖެހޭނެ ކަމަށެވެ.

ބިޝްނޯއީ ގޭންގުން ސަލްމާންއާ ދުޝްމަންކަން ގެންގުޅެނީ 1997 ވަނަ އަހަރު އެ ގޭންގުން މާތްކުރާ ޖަނަވާރެއް ކަމަށްވާ "ބްލެކް ބަކް"އެއް މަރާލުމުގައި އޭނާ ބައިވެރިވުމުންނެވެ.