އިނގިރޭސި ވިލާތުގެ ރަސްގެފާނު ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަބަލުން ޕްރިންސަސް ޑަޔާނާއާއި ޗާލްސްގެ ކައިވެނީގައި ބޭނުންކުރި ހެދުމާ ގުޅުވައިގެން ކުރިއަށް ދިޔަ ކޯޓު މައްސަލަ އެންމެ ފަހުން ނިމިއްޖެ އެވެ.
ޑަޔާނާގެ ކައިވެނި ހެދުން ފަރުމާ ކޮށްފައިވަނީ އެ ދުވަސްވަރު ކައިވެނި ކޮށްގެން އުޅުނު ދެ ޑިޒައިނަރުން ކަމަށްވާ ޑޭވިޑް އެމެނުއަލްއާއި އެލިޒަބަތު އެމެނުއަލް ގުޅިގެންނެވެ. އެހެން ނަމަވެސް އެމީހުންގެ ކައިވެނި ރޫޅުމަށްފަހު އަހަރުތަކެއްވީ ފަހުން އެލިޒަބަތު ވަނީ ޕްރިންސްސް ޑަޔާނާގެ ކައިވެނި ހެދުން ހިމެނޭހެން އެ ދެމީހުން އެކުގައި ކޮށްފައިވާ ބައެއް މަސައްކަތްތައް ނީލަމުގައި ވިއްކާލަން ހުށައަޅާފަ އެވެ.
ނަތީޖާއަކަށްވީ ޑޭވިޑް ވެސް މަސައްކަތްކުރި ޕްރޮޖެކްޓެއްގެ ފަރުމާ އޭނާގެ ހުއްދައަކާ ނުލާ ވިއްކާލުމުގެ ތުހުމަތުގައި އެލިޒަބަތުއާ ދެކޮޅަށް ކޮޕީ ރައިޓްސްގެ ދައުވާއެއް އުފުލުމެވެ.
އަހަރުތަކަކަށް ދެމިގެންދިޔަ އެ މައްސަލައަށްފަހު އެލިޒަބަތުއާއި އެމެނުއަލް ވަނީ އެ މައްސަލައާ ގުޅިގެން އެދެމީހުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގެ މައިގަނޑު "ޓާމްސް އެންޑް ކޮންޑިޝަންސް"އަކީ ކޮބައި ކަމެއް އެމީހުން ހާމަ ކޮށްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސްއާއި ޕްރިންސަސް ޑަޔާނާގެ ކައިވެނީގައި ޑަޔާނާ ބޭނުން ކޮށްފައިވަނީ ފުއްޕި އަތަކާއެކު ފަރުމާ ކުރެވިފައިވާ "ފްލަފީ" ހެދުމެކެވެ. އެ ހެދުމަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބުނެވެ.