ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މޫސާ އަލީ ޖަލީލަށް މި އިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި ގުޅިގެންކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މޫސާ އަލީ ޖަލީލަށް މި އިއްޒަތް އެރުވުމުގައި ވަކިން ހާއްސަކޮށް، 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުންވެސް ހިމެނެ އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް އެރުވުން އޮންނާނީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ ގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.
މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވާފައިވެ އެވެ. އޭގެފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އެވެ.