ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އިހުތިފާލުތައް މިއަދުގެ ފަތިސް ނަމާދުން ފަށައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި ފަތިސް ނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގައި އެވެ.

ފަތިސް ނަމާދުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދިވެހި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ފަތިސް ނަމާދުގައި ސަރުކާރުގެ އިސްވެރިންނާއި ދިވެހި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި --- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ހެނދުނު ވަނީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒުއާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލިސް ރައީސް އަބްދުލްރަހީމް އަބްދުﷲގެ އިތުރުން ކެބިނެޓް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހަކީ ނަވާރަސަތޭކަ އައްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމަށް ފުރާނައިން ގުރުބާންވެވަޑައިގެންނެވި ޝަހީދުންގެ ޒިކުރާ އާކުރުމާއެކު މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ރައްޔިތުންނާއި ސިފައިންގެ ހިތްވަރުން ގައުމަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.