އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ގައުމުގެ ސަލާމަތަށްޓަކައި އަދި އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މީހުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާއެކީ ބައެއް މަސައްކަތްތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މީގެ އިތުރުންވެސް ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ޢަސްކަރީ ޚިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާކަން މިރޭގެ ޖަލްސާގައި ރައީސުކްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެއާކޯ ޤާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެންނަވައި، ޤައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ގާބިލުކަން ސިފައިންގެ ކިބައިގައި ގާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މިއަދު ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތައް ދިވެހި ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު މިރޭގެ ޖަލްސާގައި ވިދާޅުވި އެވެ.