ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ޓީޖީއެސްޓީ ރޭޓާއި، ގްރީން ޓެކުހާއި، އެއާޕޯޓު ފީ އަދި ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ތިން ބިލު ރައީސް ތަސްދީގުކުރެއްވީ މިއަދު އެވެ.
މި ޓެކްސްތައް ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީ އަންނަ އަހަރުން ފެށިގެން އިތުރުކުރަން ދައުލަތުގެ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ ބިލްގައިވާގޮތުން އަންނަ ޖޫން މަހުން ފެށިގެން މިހާރު 16 ޕަސެންޓުގައި ނަގަމުންދާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ. އަދި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހައެކު މިހާރު ރިސޯޓުތަކާއި، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކާއި އެފަދަ އެސްޓަބްލިޝްމެންޓުތަކުން ޓޫރިސްޓެއްގެ އަތުން ދުވާލަކު ގްރީން ޓެކުހުގެ ގޮތުގައި ނަގަމުން އައި ހަ ޑޮލަރު 12 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެއިތުރުން 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ގެސްޓުހައުސްތަކުގައި ތިބޭ ފަތުރުވެރިން އަތުން ދުވާލަކަށް ނަގަމުން އައި ތިން ޑޮލަރު ހަ ޑޮލަރަށް ބޮޑުވާނެ އެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ ޑިޕާޗާ ޓެކްސް ވެސް ބޮޑު ކުރަން ވަނީ ނިންމާފައިވެ އެވެ. މިހާރު އިކޮނޮމީ ކްލާސްގައި ފުރާ ދިވެހިންގެ އަތުން ނަގަމުންދަނީ 12 ޑޮލަރެވެ. އެ އަދަދަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.