އެންމެ އުނދަގޫފުޅުވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ދުރަށް ވަޑައިގެންނެވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާފައި ދުރަށް ވަޑައިގެންފައިވާ ކަމަށާއި، އޭގެ ތެރެއިން ވެސް އެ ބޭފުޅަކު ވަޑައިގެންނެވުމުން އެންމެ ދަތިވާ އެއް ބޭފުޅަކީ ޣައްސާން ކަމަށެވެ. ސަބަބަކީ އެމަނިކުފާނާ ވަރަށް ގާތްކޮށް ޣައްސާން މަސައްކަތް ކުރައްވާފައިވުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގައި އެމަނިކުފާނަށް ވުރެ ބޮޑަށް ކުރީގެ އެމްޑީޕީ ސަރުކާރުގެ ކަންކަމާ ފާޑު ވިދާޅުވެފައި ތިއްބެވި ބޭފުޅުން ގޯސް ހެއްދެވުމުން އެކަން ބަލައި ގަންނަން އުނދަގޫ ކަމަށެވެ. ރާއްޖެއިން ކަނޑުން ބައެއް ގެއްލުނު މައްސަލައާއި އިންޑިއާ ސިފައިންގެ މައްސަލައަކީ އޭރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ކަންކަންކަމަށް ޔާމީން ވިދާޅުވި އެވެ.
ޣައްސާންގެ ތޮބިއްޔަތުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި "ކޮމްޕޮރިމައިޒް" ވެގެން ހުރެގެން ޚިދުމަތް ކުރައްވަން ހުންނަވަން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އެކަން ޤަބޫލު ކުރަން ވަރަށް ދަތިކަމަށް ވިދާޅުވި އެވެ.
"އެކުގައި މަސައްކަތް ކުރާ ކޮންމެ މީހަކު ދިޔަ ނަމަވެސް، ދެރަ ވާނެ. އެހެން ނަމަވެސް އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނޫން. ސިޔާސީ ލީޑަރަކަށް ހުންނަ މީހަކީ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މީހެއް ނަމަ، މީހުން ބިނާ ކުރުމަކީ އުނދަގޫ ކަމެއް ނޫން" ރައީސް ޔާމީން ވިދާޅުވި އެވެ.
ޣައްސާން އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބައްޕާފުޅު އަދި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ޖަލަށް ލުމުންވެސް ރައީސް ޔާމީން އާއެކު ހުންނެވި ބޭފުޅެކެވެ. ގިނަ ދުވަސް ތަކެއް ވަންދެން ޔާމީން އާއެކު މަސައްކަތް ކުރެއްވުމަށްފަހު މުއިއްޒު ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ގަބޫލުކުރައްވާ ވަނީ ކޮޅު ބަދަލުކުރައްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޣައްސާން އެންމެ އިސްކޮށް ހުންނެވި 38،000 މެންބަރުން ތިބި ޕީޕީއެމް އުވާލުމަށް ރައީސް މުއިއްޒު އާއި ޕީއެންސީ ޗެއާޕާސަން އަބްދުއްރަހީމް ކުރައްވާ މައްސަކަތަށްވެސް އޭނާ ދަނީ އެއްބާރުލުން ދެއްވަމުންނެވެ.