ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓުގައި ސަރުކާރުން ދޫކުރާ ލޯނު ޕްރޮގްރާމް "ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިކަމަށް ބުނާއިރު ހައުސިން މިނިސްޓްރީގެ އެކަމަށް ހާއްސަ ޕޯޓަލްއިން އަދި ލޯނަށް ހުށަނޭޅޭކަން ހާމަވެއްޖެ އެވެ.
ހިޔާވަހި ލޯނު ސްކީމް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަންގާރަ ދުވަހު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ސްކީމްގެ އުސޫލާއި ލޯނަށް ހުށައެޅުމާ ގުޅޭ މައުލޫމާތު މިހާރު ވަނީ ގެޒެޓުގައި ޢާންމުކޮށްފަ އެވެ.
މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހުޅުވާލި މި ސްކީމަކީ އިސްލާމިކް ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދޭ ލޯނެއްކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ.
ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަމަށް ދައުލަތުގެ މީޑިއާ "ޕީއެންސްއެމް" އިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ އެކަމަށް ހާއްސަ ވެބްސައިޓް އަށް ދާއިރު އަދި ލޯނަށް ހުށަހަޅަން ހުޅުވާލާފައިނުވެ އެވެ. އެގޮތުން ވެބްސައިޓްގައި އިނީ "އަންނަނީ" ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ މި ސްކީމަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާނެކަމަށް ބުނެފަ އެވެ.
މި ސަރުކާރުން ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އާއްމުކުރަން ބުނި 4000 ފްލެޓް ލިބޭ ލިސްޓްވެސް މިހާތަނަށް އާއްމުކޮށްފައިނުވެ އެވެ. އޮކްޓޫބަރު މަހަށް ދިން މުއްދަތު ހަމަވުމުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ މި ނޮވެމްބަރު މަހު ލިސްޓް އާއްމުކުރާނެކަމަށެވެ.