ގދ. ހޯޑެއްދޫ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 44 އަށް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި ހޯޑެއްދޫން އިތުރު ދެ މީހަކު އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ރަށުގައި މިހާރު ފަރުވާދެމުން އަންނަނީ 36 މީހަކަށެވެ. އެ ރަށުން ޕޮޒިޓިވްވި ދެ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީގައި އެބަތިބި އެވެ.

މީގެ އިތުރަށް 32 ގެއެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު، މުޅި ރަށުން މިހާތަނަށް 346 ސާމްޕަލް ވަނީ ނަގައިފައެވެ.

އެ ރަށުގައި ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، ކޮންޓެންޓުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހަކު މިދިޔަ މަހުގެ ކުރީކޮޅު ފެނުނު އެ ރަށުގައި މިހާރު ކޮމިއުނިޓީ ޓްރާންސްމިޝަނެއް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފަ އެވެ.

އަފްޒަލް ވިދާޅުވީ ހޯޑެއްދޫގެ ކޮވިޑް-19 ވޭދަނަތަކާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތަކުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

ހޯޑެއްދޫ ވޭދަނަތަކާ ގުޅިގެން އެރަށާއި، މަޑަވެއްޔަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެ އަތޮޅު ވެރިކަން ކުރާ ރަށްކަމުގައިވާ ތިނަދޫގައި ހުންނަ، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ހޯޑެއްދޫ އަދި މަޑަވެލި ސިއްހީ މަރުކަޒުން ދަނީ މި ދެ ރަށު ތެރޭގައި ހަރަކާތްތެރިވެ، ސާމްޕަލް ނަގަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 33 މީހަކު ވަނީ މަރުވެފަ އެވެ.