ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންއާ ގުޅުވައިގެން ޔޫޓިއުބްގެ ކޮމެޑީ ޝޯއެއް ކަމަށްވާ އިންޑިއާ ގޮޓް ލަޓެންޓްގެ ބައިވެރިޔަކު ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ހެއްވާ މަޖާ ޖޯކުތައް ކިޔުމަށް ހާއްސަ ކޮށްފައިވާ އެ ރިއަލިޓީ ޝޯގެ ބައިވެރިޔާ ބުނެފައިވަނީ ދީޕިކާ ވަރަށް ފަހުން މަންމައަކަށް ވެއްޖެ ކަމަށާއި ޑިޕްރެޝަންގެ އަސްލު މާނަ މިހާރު އޭނާއަށް އެނގޭނެ ކަމަށެވެ.

ބައިވެރިޔާގެ އެ ޖޯކަށް ޝޯގެ ފަނޑިޔާރުންނާއި ޝޯ ބަލަން ތިބި އޯޑިއަންސް ވެސް ހުއްޓުމެއްނެތި ގިނައިރު ތަކެއް ވަންދެން ހީފައިވެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެ ބައިވެރިޔާއަށާއި ފަނޑިޔާރުންނަށް ވެސް ފާޑުކިޔަމުންނެވެ.

އެގޮތުން އެ ޖޯކަކީ ދީޕިކާގެ އިތުރުން ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ އެތައް ބަޔަކު ބޭއިހުތިރާމް ކޮށްފައިވާ ޖޯކެއްކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

އެއާއެކު މީހެއްގެ އިހުސާސްތަކަށް ހަޖޫ ޖަހައި ޖޯކު ކުރުމަކީ އެއްވެސް ގޮތަކަށް މަޖާ ކަމެއް ނޫން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ދީޕިކާއަކީ އޭނާ ތަހައްމަލުކުރި ޑިޕްރެޝަންގެ ތަޖުރިބާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާއާ ހިއްސާކުރި ތަރި އެކެވެ. އޭނާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދަން އާއްމުންނަށް ބާރުއަޅާ މީހެކެވެ.