ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމުން، ދޮންމަންމާފުޅަށް ލަންކާއިން ތިން ބިމާއި ފައިސާ ދެއްވިކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއްކަމަށް އެ މަނިކުފާނުގެ ދޮންމަންމާފުޅު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދޮންމަންމާފުޅާމެދު އެ މަނިކުފާނު ކަންތައްކުރެއްވި އިހާނެތި ގޮތާ ގުޅޭގޮތުން އޮންލައިން ނޫސް އަދަދުން ހެދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ، ބައްޕާފުޅު އަވަހާރަވުމުން ދޮންމަންމާފުޅަށް ލަންކާގެ ތިން ބިމަކާއި ގެސްޓު ހައުސްއެއްގެ އިތުރުން ބޭންކް އޮފް ސިލޯންގައި ހުރި ހުރިހާ ފައިސާއެއް ދެއްވިކަމަށެވެ.
ނަމަވެސް މިއަދު އާއްމުވެފައިވާ ރައީސްގެ ދޮންމަންމާފުޅު، ލަންކާއަށް ނިސްބަތްވާ ޖީ ސްކީލާން ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ.
އިއްދައިގެ ދުވަސްވަރު ރައީސް މުއިއްޒު މަޖުބޫރުކުރައްވައިގެ މާލެ އައިސް އޭނާއަށް ހަލާލުބައިން ލިބުނު ހުރިހާ އެއްޗެއް ރައީސްއަށް ދީފައިވާނެކަމަށްވެސް ވިދާޅުވި އެވެ.
ތިން ބިމާއި ދެ ގެސްޓްހައުސް ދިންކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ރައީސްގެ ބައްޕާފުޅުގެ އެއްވެސް ބިމެއް އަދި ގެސްޓްހައުސް އެއް ލަންކާގައި އޭރު ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ލަންކާގައި އޮތް ބިމެއް ރައީސްގެ ބައްޕާފުޅު ދުނިޔޭގައި ހުންނެވިއިރު 2006 ވަނަ އަހަރު ވިއްކާލާފައިވާކަމަށްވެސް ސްކީލާން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ބައްޕާފުޅު ސްކީލާން ދިރިއުޅުމަށް ކުރިން ގެއެއް ގަނެދީފައިވާކަމަށާއި ނަމަވެސް އެތަނުން ވައްކަން ކުރުން އިތުރުވުމުން އެގެ ވިއްކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްކީލާން ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވިގޮތަށް އެއްޗެސް ފައިސާއެއް ނުދެއްވާ ކަމަށެވެ. އަދި ރައީސް މުއިއްޒު އޭނާއަށް ދެއްވި ކަމަށް ވިދާޅުވާ ބޭންކް އޮފ ސިލޯންގައި ހުރި ފައިސާ ގާތްގަނޑަކަށް 5000 އެމެރިކާ ޑޮލަރު ލިބުމުގައި ލަސްވެގެންވެސް ރައީސް މުއިއްޒަށް ގުޅުއްވި ކަމަށެވެ. އެގޮތުން ފައިސާ ނެތިގެން ދަތިވުމުން ރައީސް މުއިއްޒުއަށް ގުޅުއްވުމުން ހުރިހާ އެއްޗަކުން ދޮންމަންމާފުޅު ބްލޮކް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމުން ދޮންމަންމާފުޅަށް މަހުން މަހަށް ހަރަދު ކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ކޯޓުގައި ވިދާޅުވި ނަމަވެސް ހަރަދު ނުކުރައްވާކަމަށް ސްކީލާން ވިދާޅުވި އެވެ.
ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ރައީސްގެ ދޮންމަންމާފުޅަށް އެއްވެސް ފައިސާއެއް ނުދެއްވާކަމަށް ވިދާޅުވާއިރު، މިހާރު ދޮންމަންމާފުޅު އުޅެނީ ލަންކާގެ ކުޑަ ގެއެއްގައި އާދައިގެ ވަޒީފާއަކަށް ގޮސްގެންކަމަށް އޭނާގެ ވީޑިއޯގައި ވިދާޅުވެފައިވެ އެވެ.