ހުޅުމާލޭގެ އެކި ތަންތަނުގައި ބަހައްޓާ މޮނިއުމަންޓުތައް ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ ހޯދި ހުށަހެޅުންތަކަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައިގެ އެހީގައި ހަދާފައިވާ ތަކެތި ކަމަށް ބުނެ ކުރާ ތުހުމަތުތައް އެޗްޑީސީ އިން ބަލަން ފަށައިފި އެވެ.
ހުޅުމާލޭގެ 17 ތަނެއްގައި ބެހެއްޓުމަށް މޮނިއުމަންޓުތައް ޑިޒައިން ކުރުމަށް މުބާރަތެއް ބޭއްވުމަށް ނިންމައި އޭގައި ބައިވެރިވުމަށް މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ހުޅުވާލުމުން ހަތް ފަރާތަކުން ޑިޒައިން ހުށަހެޅި އެވެ.
އެ ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ހޯދާފައި ވަނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހީމް އިފާޒުގެ 'ޓީމް އާކޯސް' އެވެ.
އެއްވަނައަށް ހޮވޭ ޑިޒައިނަށް 100،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އެއްވަނަ އަށްދިޔަ ކުރެހުމާ ގުޅޭގޮތުން ތުހުމަތުތަކެއްކޮށް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.
ކުރުސީ އެކްސްގައި ކުރި ޕޯސްޓްގައި ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ކޮށްކޮ ހުށަހަޅާފައިވާ އެ ޑިޒައިނަކީ އޭއައިއިން ޖެނެރޭޓްކޮށްފައިިވާ ޑިޒައިނެއް ކަމަށެވެ. އަދި އެކަމަށް ބާރުދޭ ކޮންމެވެސް ވަރެއްގެ ހެކި ވެސް އެ އެކައުންޓްގައި ހިއްސާކޮށްފައިވެ އެވެ.
އެއް ވަނައަށް ދިޔަ އެ ކުރެހުމުގެ އަގަށްވާ ފައިސާ ޝައިމާނަށް ލިބިފައިވާނަމަ އެ ފައިސާ އަނބުރާ އެޗްޑީސީއާ ހަވާލުކުރަން އެ އެކައުންޓުން ގޮވާލާފައިވެ އެވެ.
ކުރުސީގެ އެކައުންޓުން މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނައުމާއެކު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަން ފެށުމުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޑިޒައިނަށް އެއް ވަނަ ދީފައިވަނީ، ކަނޑައަޅާފައިވާ ޕްރޮފެޝަނަލް ސްޓާފުން ހިމެނޭ ޖަޖުންގެ ޕެނަލަކުން ކަމަށެވެ.
އެޗްޑީސީން ބުނީ ޑިޒައިންގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ޖާގަ އޮތުމުން އެކަން ބަލަން ފަށާފައިވާ ކަމަށެެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުންޏަށް ވެސް ޝަކުވާތަކެއް ލިބިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
10 އަހަރަށްފަހު ރަންބީރުއާއި ދީޕިކާ އެކުގައި ފެންނަނީ!
އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފި
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
