ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުގެ ތަރުޖަމާނު ދޮގުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްފާސަން ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަން ރައީސް މުއިއްޒު ނިންމަވާފައިނުވާ ކަމަށެވެ.

ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ ބުނެފަ އެވެ.

އެ އެކައުންޓްގައި ބުނެފައިވާގޮތުގައި ޔޫތު މިނިސްޓަރުކަމުން އިބްރާހީމް ވަހީދު ވަކިކޮށް، އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް ފައިސަލް ގެންނަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އަދި ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު ވަކިކޮށް ޓޫރިޒަމް މިނިސްޓަރު ކަމަށް ބަދަލުކޮށް، ފިނޭންސް މިނިސްޓަރު ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު އައްޔަން ކުރައްވަން ރައީސް ވަނީ ނިންމަވާފަ ކަމަށް ވެސް އެ އެކައުންޓުން ކުރި ޕޯސްޓްގައިވެ އެވެ.

ރައީސްގެ ތަރުޖަމާނު އެކަން ދޮގުކުރެއްވުމާއެކު އެކްސްގައި ހަސަން ކުރުސީ އެކައުންޓުން ކުރި ޕޯސްޓްގައި ވަނީ ކެބިނެޓަށް ބަދަލުގެންނަކަން ހާމަކުރުމުން ރައީސް މުއިއްޒަށް ހީވެސް ނުކުރާވަރުގެ ޕްރެޝަރުތަކާ ކުރިމަތިލައްވަންޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރު ކަމަށް ބަދަލުކޮށްފިނަމަ ސަރުކާރުން އިސްތިއުފާ ދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ރައީސް މުއިއްޒަށް ދަންނަވާފައިވާ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޒަމީރު އަދި ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.