ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްކުރުމަކީ ފޭރުން ކަމަށް ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް އަސަރުކުރާ ގޮތަށް ގެންނަ ބަދަލުތަކާ ގުޅިގެން އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ސަރުކާރުން މަޖުބޫރުކުރުމުން އެކަން ކުރަންޖެހި މަޖުބޫރު ވުމުން ވިޔަފާރި ކުންފުނިތައް ހަލާކުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ސިނާއަތް ހިންގާގޮތް ސަރުކާރުން ބަލަންޖެހޭ ކަމަށެވެ. ބޮޑެތި ރިސޯޓުތަކަށް އާއިލާތައް ގެނައުމަށް ކުޑަކުދިންގެ އަތުން އެއްވެސް ވަރަކަށް ރުފިޔާ ނުނަގާ ކަމަށާއި، ނަމަވެސް ކޮންމެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ސަރުކާރުން އެންގުމުން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނުލިބޭ އެއްޗެއް ނުދެވޭނެ ކަމަށެވެ.

ސިޔާމް ފާހަގަކުރި ގޮތުގައި މިހާރު ދިވެހި މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ނަމަވެސް މުސްތަގުބަލުގައި އެ މުވައްޒަފުންނަށް ވެސް މުސާރަ ދޭން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށެވެ.

އެމްއެމްއޭއިން މިގޮތަށް ގަވައިދު ބަދަލުކޮށް އާންމުކުރުމުން ޓޫރިޒަމް ދާއިރާގެ ބޮޑެތި ބައެއް ވިޔަފާރިތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި ބައެއް ވިޔަފާރިތަކުން ވަނީ އެ ގަވައިދަށް އަމަލުނުކުރެވޭނެ ކަމަށް އެމްއެމްއޭއަށް އަންގާފަ އެވެ.

މި ބަދަލުތައް ގެންނެވުމާއި ގުޅިގެން ރައީސް މުއިއްޒުއަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ވިދާޅުވީ، ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މާރުކުރަން ޖެހޭ ގޮތަށް އިސްލާހުގެނައި އުސޫލަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ގަވާއިދަށް ބާރުދިނުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު އެކުލަވާލި ފޮރެކްސް ބިލުގައި ބުނެފައިވަނީ 50 އަށް ވުރެ ގިނަ ކޮޓަރި އޮޕަރޭޓު ކުރާ ޓޫރިސްޓް ހޮޓާތަކުންގެ އެކްސްޗޭންޖް ރިކުއަމެންޓް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރަށް ދަށްކޮށް، 24 ގަޑިއިރު ހަމަނުވާ ޓޫރިސްޓުންނަށް އެއްވެސް އަދަދެއް މާރުކުރަން ނުޖެހޭ ގޮތައް ލުއި ދީފަ އެވެ.

އެ ކެޓަގަރީގައި ރައީސްގެ ގެސްޓްހައުސް "ދިމްޔާތު ސްޓޭ" ވެސް ހިމެނެ އެވެ. ދިމްޔާތު ސްޓޭ ގައި 55 ކޮޓަރި އާއި އެޕާޓްމަންޓުގެ ގޮތުގައި ވިއްކާ ހަ ތަން އޮޕަރޭޓު ކުރެ އެވެ.