އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އާޓެމިސް ޕްރޮގްރާމް ފަސްވެ އިންސާނުން ހަނދަށް ދިއުމަށް ކުރަމުން އަންނަ އިންތިޒާރު އަނެއްކާ ވެސް ދިގުލައިފި އެވެ.
ނާސާގެ ޗީފް ބިލް ނެލްސަން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އާޓެމިސް މިޝަން މިހާރު ތާވަލު ކުރެވިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް ކަމަށެވެ.
އެ މިޝަން އެންމެ ފުރަތަމަ ކުރިއަށް ގެންދަން އޮތީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ދިމާވި ހާލަތްތަކަކާހުރެ އެތާރީހު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ފަސް ކުރެވުނެވެ.
އެހެން ނަމަވެސް މިހާރު ނާސާއިން މިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރަށް ވެސް މިޝަންގެ ތައްޔާރީތައް ނުނިމޭނެ ކަމަށް ބުނެ އިތުރު ހަތް މަސް ދުވަހަށް މިޝަން ފަސްކޮށްފަ އެވެ.
މިއާއެކު ދެން އެންމެ އަވަހަށް ވެސް އިންސާނަކަށް ހަނދުގައި ފައި ބީއްސޭނީ ރޭވިފައިވާ ގޮތަށްވުރެ އެއް އަހަރު ފަހުން 2027 ވަނަ އަހަރު އެވެ.
ނާސާއިން ބުނާ ގޮތުގައި ހަނދުގެ މިޝަން ފަސްކުރަން ޖެހުނީ ޖައްވީ އުޅަނދުގެ ކެޕްސޫލްގައި ހިމެނޭ ހީޓިން ޝީލްޑުން ފާހަގަވި މައްސަލަތަކެއް ހައްލު ކުރުމަށެވެ.
ބިލް އިތުރަށް ބުނީ މިޝަންގައި ބައިވެރިވާ އެސްޓްރޮނޯޓުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ފުރިހަމައަށް ތައްޔާރު ވުމަށްފަހު މެނުވީ މިޝަން ނުފަށާނެ ކަމަށެވެ.
ނާސާއިން އަންނަނީ އިންސާނުން ހަނދަށް ފޮނުވުމުގައި ޗައިނާގެ ޖައްވީ އިދާރާއާ ވާދަ ކުރަމުންނެވެ. ޗައިނާގެ ޖައްވީ އިދާރާއިން ވެސް އަންނަނީ ހަނދަށް އިންސާނުން ފޮނުވަން މަސައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް މި އައި ފަސްވުމާއެކު ވެސް ޗައިނާއަށްވުރެ ކުރިން ނާސާގެ އެސްޓްރޮނޯޓުން ހަނދަށް ޖައްސާނެ ކަމަށް ބިލް ބުންޏެވެ.
މީގެ ކުރިން 12 އެސްޓްރޮނޯޓުން ހަނދުގައި ފައި ބީއްސާލާފައިވާއިރު އެ ހުރިހާ އެސްޓްރޮނޯޓުންނަކީ ވެސް އެމެރިކާގެ އެޕޯލޯ ޕްރޮގްރާމްގެ ދަށުން އެކަން ހާސިލްކުރި ސައިންސްވެރިންނެވެ.
ހަނދުގައި އެންމެ ފުރަތަމަ ފައި ބީއްސާލި ނީލް އާމްސްޓްރޯންގް އެ ތާރީހީ ލަނޑުދަނޑި ހާސިލް ކޮށްފައިވަނީ 1969 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
އެންމެ ފަހުން އިންސާނަކު ހަނދަށް ގޮސްފައިވަނީ 1972 ވަނަ އަހަރު އެވެ. އެހެން ކަމުން އިންސާނުން ހަނދަށް ނުދާތާ 50 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.