އެމެރިކާ ދޫކޮށް ސްޕެއިންއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު ހޮލީވުޑްގެ ކުރީގެ އެކްޓްރެސް އެމްބާ ހާޑް އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެއްޖެ އެވެ.
މި ހަބަރު އެމްބާ އާއްމުކޮށް ހިއްސާ ކޮށްފައި ނުވި ނަމަވެސް އޭނާއާ ގާތް ފަރާތަކުން ވަނީ ޕީޕަލް މެގަޒިންއަށް އެކަން ޔަގީން ކޮށްދީފަ އެވެ.
އެ ފަރާތުން ބުނިގޮތުގައި އެމްބާ ހޭދަކުރަމުން އަންނަނީ މާބަނޑު ދުވަސްވަރުގެ އެންމެ ކުރީކޮޅުގެ ދުވަސްތައް ކަމަށާއި އެހެން ކަމުން މާގިނަ ތަފްސީލުތަކެއް ހިއްސާ ކުރަން ބޭނުންނުވާ ކަމަށެވެ.
ސަރޮގަސީ މެދުވެރިކޮށް ލިބުނު ތިން އަހަރުގެ ކުއްޖެއްގެ މަންމައެއް ކަމަށްވާ އެމްބާ ވަނީ އަނެއްކާ ވެސް މަންމައަކަށް ވާން ބޭނުންވާ ކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފަ އެވެ.
އެމްބާ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ޔަގީންވެފައިވާއިރު އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހޮލީވުޑްއާއި އެމެރިކާ ދޫކޮށް ސްޕެއިންއަށް އެމްބާގެ ދިރިއުޅުން ބަދަލުކުރީ އޭނާގެ ކުރީގެ ފިރިމީހާ ޖޮނީ ޑެޕްއާ ދެކޮޅަށް ހިނގި ކޯޓު މައްސަލައިން ބަލިވެ ލަދުވެތިކަމާ ކުރިމަތިލާން ޖެހުމުންނެވެ.
ދޮޅު އަހަރެއްހާ ދުވަހު ކައިވެނި ކޮށްގެން އުޅުމަށްފަހު ޖޮނީއާ ވަކިވެ އެމްބާ ވަނީ އޭނާއަށް ޖޮނީގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ބުނެ ކޯޓަށް ގޮސްފަ އެވެ.
އެ މައްސަލަ ޖޮނީއާ އެއްކޮޅަށް ނިމުމަށްފަހު ޖޮނީ ވަނީ އެމްބާގެ މައްޗަށް އޭނާ ބަދުނާމު ކުރަން އުޅުމުގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލައިން ވެސް އެމްބާއަށް ލިބުނީ ބައްޔެކެވެ.