ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އޭނާގެ ލޯބިވެރިޔާ ޒަހީރު ސިއްދީގީއާ މިދިޔަ ޖޫން މަހު ކައިވެނި ކުރިއިރު އެ ކައިވެނީގެ ތެރެއިން އެންމެ ފާހަގަވި އެއް ކަމަކީ އެ ކައިވަނީގައި ސޮނާކްޝީގެ ދެ ބޭބެ ލަވްއާއި ކުޝް ބައިވެރި ނުވި ކަމެވެ.
އެ ދެމީހުން ސޮނާކްޝީގެ ކައިވެނީގައި ބައިވެރިނުވި ސަބަބާ ބެހޭގޮތުން މީޑިއާގައި އެތައް ވާހަކައެއް ދެކެވުނެވެ. އެންމެ ފަހުން ސޮނާކްޝީގެ ބައްޕަ ޝަތުރުގަން ސިންހާ މިވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ލަވްއާއި ކުޝް ސޮނާކްޝީގެ ކައިވެނިން ނުފެނުނު ސަބަބު ސީދާ ގޮތެއްގައި ޝަތުރުގަން ނުބުނި ނަމަވެސް އޭނާ ވަނީ އެކަމަށް އިޝާރާތް ކޮށްފަ އެވެ.
އެގޮތުން އެ ދެމީހުން އެ ކައިވެނިން ނުފެނުނީ ޒަހީރުއަކީ މުސްލިމަކަށް ވުމުން އެ ކައިވެންޏަށް އެ ދެމީހުން ނުރުހޭތީ ކަމަށް ޝަތުރުގަން އިޝާރާތް ކުރި އެވެ.
އެ ކައިވެންޏާ މެދު ޝަތުރުގަން ދެކޭ ގޮތާމެދު ސުވާލު ކުރުމުން އޭނާ ބުނީ ސޮނާކްޝީ ވިސްނޭ މީހެއް ކަމަށާއި އޭނާގެ ނިންމުންތަކަށް ފާޑުކިޔުމަކީ ބައްޕައެއްގެ ގޮތުގައި ވިޔަސް އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ.
ހަތް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޒަހީރުއާއި ސޮނާކްޝީ ކައިވެނި ކޮށްފައިވަނީ ޖޫން މަހުގެ ތެރޭގައި މުމްބާއީގަ އެވެ.